ޚަބަރު

މާލޭގެ ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ދިނުމަށް އެމްޑަބްލިއުއެސްސީން ނިންމައިފި


މާލޭގެ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ.

ކޯވިޑް19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ސަރުކާރުގެ ފެން ކުންފުނިން ނިންމި ނިންމުމެއްކަމަށް ނޭޝަނަލް އިމަރޖެންސީ ސެންޓަރުން ވިދާޅުވިއެވެ.

ނޭޝަނަލް އިމަރޖެންސީ ސެންޓަރުން މިހާރު ބާއްވަމުންދާ ޕްރެސްކޮންފަރެންސްގައި މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެކިއެކި އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ މިއާއެކު އެކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި ހިމެނޭ 44000 ގޭބިސީއަށް ހިލޭ ކޮންމެ ގޭބިސީއަކަށް އެއް ޓަނު ފެނުގެ މަގުން ފެން ފޯރުކޮށްދެއްވާނެކަމަށެވެ.

އަދި ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރި ދުވަސްކަމަށްވާ މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ފެންބިލުން މި މިންވަރުގެ ފެނަށްވާ އަގު އުނިކުރައްވާނެކަމަށްވެސް ޝާހު ވިދާޅުވިއެވެ.