ޚަބަރު

އިންޑިއާއިން ހަދިޔާކުރި ބޭސް ދިވެހި ސަރުކާރާ ޙަވާލުކޮށްފި


ކޯވިޑް19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި، ތިން މަސް ދުވަހަށް ބޭނުންވާ ބޭސް ދިވެހި ސަރުކާރާއި ޙަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތުގައި މިބޭސް، ރަމްޒީގޮތުން ޙަވާލުކޮށްދެއްވީ އިންޑިއާގެ ސަފީރު ސަންޖޭސުދީރެވެ. ރާއްޖޭގެ ފަރާތުން ބޭހާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.

މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ކޯވިޑް19އާ ގުޅިގެން އިންޑިއާއިން އެހެން ޤައުމުތަކަށް ބޭސް ވިއްކުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި މިޙާލަތަށް ކޮންމެހެން ބޭނުންވާ ބޭސްތައް ހިމެނޭހެން ފަންސާސް ތިން ބޭހެއް ރާއްޖެއަށް ހަދިޔާކުރެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ވަގުތެއްގައި މިފަދަ އެހީ އިންޑިއާއިން ރާއްޖެއަށް ލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް19އިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފޮރިން މިނިސްޓަރުވަނީ ފާހަގަކުރައްވާފައއެވެ. އިންޑިއާއިން ހަދިޔާކުރި ބޭސް، ގެންދަންވާ ތަންތަނަށް ގެންދިއުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން މިހާރުދަނީ ކުރަމުންނެވެ.

ކޯވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައެޅުމާ ގުޅިގެން އިންޑިއާއިން ދޭން ނިންމި އެހީގެ ތެރޭގައި ހިމެނޭ ސިއްހީ މާހިރުންނާއި ޚިދުމަތްތެރިން ހިމެނޭ ސާދަ މެމްބަރުންގެ ޚާއްސަ ޓީމެއް މިހާރުވަނީ ރާއްޖެ އައިސްފައެވެ. މި ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުމަށް ޚާއްސަ ޑޮކްޓަރުންނާއި، ފިޒީޝަނުންނާއި ލެބޯޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިއާޔަތްކޮށް، ދިވެހިންނަށް ލުއި ދޭން ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.