ޚަބަރު

ކޯވިޑް-19: މިދުވަސްވަރު ސަރުކާރުން ނެރޭ ސަރކިއުލާތަކާ ޚިލާފުވާނަމަ ހަރުކަށި ފިޔަވަޅު އަޅަނީ


އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ދައުލަތުގެ އިދާރާތަކުން އަންގާ އެންގުންތަކާ ޚިލާފަށް ކުޑަނަމަވެސް އަމަލެއް ހިންގައިފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ނޭޝަނަލް އިމަރޖެންސީ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ކޯވިޑް-19 ގުޅިގެން ހެލްތް މިނިސްޓްރީއާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައިވާ ސަރކިއުލާތައް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ފަތުރުވެރިކަމުގެވިޔަފާރި ކުރާ ހުރިހާ ތަންތަނަށް ފޮނުވާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގައިވާ ގޮތުގެމަތިން ނެރެ، ތަންފީޒުކުރަން އަންގާ ސަރކިއުލާތަކެއްކަމުން ހުރިހާ ފަރާތްތަކުންވެސް އެފަދަ އެންގުންތަކަށް ބޯލަނބަން ޖެހޭނެކަމަށެވެ.

"މިއިން ސަރކިއުލާތަކާއި ޚިލާފަށް ކިތަންމެ ކުޑަނަމަވެސް ޚިލާފު އަމަލެއް ކޮށްފިކަމުގައިވާނަމަ، ސަރުކާރުން ނިންމާފައިވަނީ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅަން. މިހާރުވެސް ފުލުހުން ތަހުގީގުތަކެއް އެބަހިންގާ، އެތަހުގީގުތައް ނިމުމަށްފަހު އިހުމާލުވާ ފަރާތެއްވާނަމަ އެއީ ކޮންމެ ފަރާތަކަށްވިއަސް، އެއީ ދައުލާތުގެ ފަރާތެއް ވިއަސް، ސަރުކާރުގެ ފަރާތަކަށްވިއަސް އަދި އަމިއްލަ ފަރާތަކަށްވިއަސް ފިޔަވަޅުއަޅާނެ" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ޅ.ކުރެއްދޫ އައިލެންޑް ރިސޯރޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހާ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ފުރިވާލި މައްސަލައިގެ ތަޙްޤީޤު ފުލުހުން ކުރިއަށްގެންދާއިރު، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވީކަން ފުލުހުން ވަނީ ފާހަގަކުރައްވާފައިވެއެވެ.