ވިޔަފާރި

ގެސްޓްހައުސްތަކަށް ލިބޭ ގެއްލުން ބެލުމަށް ސާރވޭއެއް


ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ގެސްޓް ހައުސްތަކަށް ކުރާ އަސަރު ދެނެގަތުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގޭމްއިން ހާއްސަ ސާރވޭއެއް ފަށައިފިއެވެ.

ގޭމްއިން ބުނީ މިސާރވޭ ކުރިއަށް ގެންދިއުމަށް ނިންމީ ކޮރޯނާ ވައިރަސްގެ ސަބަބުން ގެސްޓް ހައުސްތަކުގެ ހިންގުމަށް ދަތިތަކާ ކުރިމަތިވާން ފެށުމުން ގިނަ ގެސްޓް ހައުސްތަކެއް އެޖަމިއްޔާއަށް ގުޅާ، ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ.

މިރިޕޯޓު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް، ގެސްޓް ހައުސްތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތައް އޮޅުން ފިލުވަނެކަމަށް ގޭމްއިން ބުނެއެވެ. މިސާރވޭ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނިޔަލަށް ކަމަށް ގޭމްއިން މައުލޫމަތުދެއެވެ. މިސާރވޭގެ މައުލޫމަތުތަކުގެ މައްޗަށް ބިނާކޮށް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތްތައް ހޯދާނެކަމަށް ގޭމްއިން ބުނެއެވެ.

ގޭމްއިން ބުނީ އޮންލައިންކޮށް ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރާލެވޭނެހެން ތައްޔާރުކޮށްފައިވާ މި ސާރވޭގައި އެޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ 300 އެއްހާ ގެސްޓް ހައުސްއަށް ބައިވެރިކުރާނެކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 600 އެއްހާ ގެސްޓް ހައުސް ދަނީ ހިންގަމުންދާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވުމުން މި ގެސްޓްހައުސްތަކަށްވެސް އަސަރުކުރާނެއެވެ.

ޖެނުއަރީ މަހު ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. މިގޮތުން މިވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ދަތުރުފަތުރު ހުއްޓާލުމާއި، ބައެއް ޤައުމުތަކުން އެއް ޤައުމު އަނެއް ޤައުމުގެ ރައްޔިތުން އެތެރެވުން ހުއްޓުވުމާއި ގުޅިގެން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.