ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއިން މިލިއަނެއްހާ ވަޒީފާ މަދުވެދާނެ


ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެތައް މިލިއަން ވަޒީފާއެއް މަދުވެގެން ހިނގައިދާނެކަމަށް ވޯލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލް، ޑަބްލިއުޓީޓީސީން ބުނެފިއެވެ.

ވޯލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލް، ޑަބްލިއުޓީޓީސީ ބުނާގޮތުން ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ދަތުރުފަތުރުކުރުން ހުއްޓުމާއި، ޗުއްޓީ ހޭދަކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން ހުއްޓާލަމުންދާތީ މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަޒީފާތައް މަދުކޮށް، ތަންތަން ބަންދުކުރަން ފަށާފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 50 މިލިއަނެއްހާ ވަޒީފާ ނެތިދާނެކަމަށް ޑަބްލިއުޓީޓީސީން ބުނެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ވައިގެ އުދުހުންތަކަށް ބުރު އަރާ، އެތައް ހާސް ފްލައިޓެއް ކެންސަލްކޮށް، މަތިންދާބޯޓުތައް ވަނީ ގްރައުންޑްކޮށްފައެވެ. ބައެއް ކުދި އެއަރލައިންތަކުގެ ހިންގުންވެސް ވަނީ ހުއްޓާލަ ހިސާބަށް ގޮސްފައެވެ. އެއަރލައިންތަކަށް މިކަމުން 113 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ. އަދި މިއަދަދު މިއަށްވުރެ މަތިވުން އެކަށީގެންވާކަމަށްވެސް މާހިރުން ލަފާކުރެއެވެ.

ޑަބްލިއުޓީޓީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮރޯނާ ވައިރަސްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ 2020 ވަނަ އަހަރު 25 އިންސައްތަ ދަށަށް ދާނެއެވެ.

ޑަބްލިއުޓީޓީސީން ބުނީ ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ގެއްލުންތަކުން އަރައިގަނެވޭނެކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މިހާރުން ފެށިގެންވެސް ފިޔަވަޅުތައް އަޅައިގެންކަމަށް އެޖަމުޢިއްޔާއިން ބުނެއެވެ.

ކޮރޯނާ އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަޑައަޅާފައިވާއިރު، މިބަލީގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރެއްގައާއި ޤައުމުތަކުގެ ފެންވަރުގައި ބޭއްވުމަށް ރޭވިފައިވާ ކުދި ބޮޑު ފެއަރ، އެގްޒިބިޝަން ފަދަ ހަރަކާތްތައްވެސް ދަނީ ކެންސަލްކުރަމުންނެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުންވެސް، އެހެނިހެން ސިނާޢަތްތަކަށްވެސް ކޮރޯނާވައިރަސްގެ ސަބަބުން ގެއްލުންވާނޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.