ވިޔަފާރި

ސްރީލަންކާއަށް ފައިސާ ފޮނުވޭ ޙިދުމަތެއް އިސްލާމިކް ބޭންކުން ތަޢާރަފްކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ފަސޭހަކަމާއެކު ސްރީލަންކާއަށް ފައިސާ ފޮނުވޭ ޙިދުމަތެއް ތަޢާރަފްކޮށްފިއެވެ.

ސްރީލަންކާގެ އަމާނާ ބޭންކާއި ގުޅިގެން ތަޢާރަފްކޮށްފައިވާ މި ޙިދުމަތް މެދުވެރިކޮށް، ހެޔޮ އަގެއްގައި ފަސޭހަކަމާއެކު ލަންކާއަށް ފައިސާ ފޮނުވޭނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. މީގެ ސަބަބުން ރާއްޖޭގައި ތިބެގެން ލަންކާގައި ދިރިއުޅޭ އާއިލާ މީހުންނަށާއި ރައްޓެހިންނަށް ފައިސާ ފޮނުވާލެވޭނެ ކަމަށާއި، ފައިސާ ޓްރާންސްފަރ ކުރުމަށް ޗަރޖު ކުރާނީ ކުޑަ އަގެއްކަމަށް އެ ބޭނުން ފާހަގަކުރެއެވެ.

އިސްލާމިކް ބޭންކުން ބުނީ ދުވަހުން ދުވަހަށް ފައިސާ ލިބެންޖެހޭ ފަރާތަކަށް ފައިސާ ލިބޭނެ ކަމަށާއި، ސްރީލަންކަން ރުޕީސްގެ އެކައުންޓަށް ނުވަތަ ޑޮލަރު އެކައުންޓަށްވެސް ފައިސާ ޖަމާކޮށްދިނުމުގެ ޙިދުމަތް ލިބޭނެ ކަމަށް ބެންކުން ބުނެއެވެ. އަދި އެހެން ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަށް ވެސް އެއްދުވަސްތެރޭ ޖަމާކޮށްދެވޭނެ ކަމަށްވެސް އިސްލާމިކް ބޭންކުން ހާމަކުރެއެވެ.