ސިޔާސީ

ބޭރު ފަރާތްތަކަށް ބިން މިލްކުކުރެވޭ އިސްލާހު ފާސްކޮށްފި


ބިޔަ އިންވެސްޓްމެންޓްތައް ކުރާ
ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު
ފާސްކޮށްފިއެވެ. ޤާނޫނު އަސާސީއަށް ހުށައެޅި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި
މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މިއިސްލާހު ޤާނޫނު
އަސާސިއަށް ގެންނަން ހުށައެޅީ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން
ހުސައިން މަނިކުއެވެ. 

ނިހާން ހުށައެޅުއްވި އެއިސްލާހުގައި ބުނެފައިވަނީ، އެއް
ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ރާއްޖޭގެ
ސަރަހައްދުން ބިމެއް ދެވިދާނެކަމަށެވެ. ނަމަވެސް އެފަދަ ފަރާތަކަށް ބިމެއްގެ
"މިލްކުވެރިކަމުގެ ހައްގުތައް" ދިނުމަކީ އެ ސަރަހައްދެއްގެ މައްޗަށް
އޮތް ރާއްޖޭގެ ސިޔާދަތާއި ބާރު ގެއްލި، އެސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް
ނުބެލެވޭނެ ސަބަބެއް ނޫން ކަމަށް އެ އިސްލާހުގައިވެއެވެ.  

އަދި އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިވޭ.
އެ
އިސްލާހު ގެނައުމުގެ އިތުރުން ގާނޫނު އަސާސީއަށް ބާބެއް އިތުރު ކުރުމަށްވެސް
ހިމަނާފައިވެއެވެ. 

ޝަރުތު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލުކުވެރިކަމުގެ ހައްގު
ދޫކުރުމުގެ ނަމުގައި އިތުރުކޮށްފައިވާ ބާބުގައި ބުނެފައިވަނީ، ޝަރުތު ފުރިހަމަވާ
ޕްރޮޖެކްޓަކާއި ގުޅިގެން ކޮންމެ މީހަކަށް ވެސް ދިވެހި ސަރުކާރުން ޕްރޮޖެކްޓު
ހައްގު ދޫކުރެވިދާނެކަމަށެވެ. އެގޮތުން ދޫކުރެވޭ ބިމުގެ ނިސްބަތް ރާއްޖޭގައި ހުރި
އުފެދިފައިވާ ބިމުގެ ދިހައިންސައްތައަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އެ
ބާބުގައި ބުނެފައިވޭ. މީގެ އިތުރުން ނިހާން ވަނީ، އެބިމެއް ދައުލަތަށް ނެގޭނެ
ގޮތްވެސް މިބިލުގައި ހިމަނާފައެވެ.