ވޭތުވެދިޔަ
6 މަސްދުވަހުގެ ތެރޭގައި އަލަށް މަސްތުވާތަކެތީގެ ވެއްޓަށް ވަންނަ މީޙުންގެ އަދަދު
މަދުވެފައިވާކަން، ތަފާސް ހިސާބުތަކުން ދައްކާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ބުނެފިއެވެ.
ވޭތުވެދިޔަ 6 މަސް
ދުވަހު މަސްތުވާތަކެތީގެ ވަބާއިގައި ޖެހިފައިވާ ފަރާތްތައް ސަލާމަތްކުރުމަށްޓަކައި
ބޮޑު 56 އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރެއިން 6 އޮޕަރޭޝަން ހިންގާފައިވަނީ އަތޮޅުތެރޭގައި ކަމަށާއި
ވޭތުވެދިޔަ 6 މަސްދުވަހު ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 46 އޮޕަރޭޝަނެއްގައި ފާރަގެމަ ބޭނުންކޮށްފައިވާކަމަށްވެސް ފުލުހުންބުނެއެވެ. މި
އޮޕަރޭޝަންތަކާއި ގުޅިގެން 975 މީހުން ފުލުހުންގެ ބެލުމުގެ
ދަށައް ގެނެވިފައިވެއެވެ.
މިއަދު އިސްކަންދަރު
ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަޙުމަދު ޝިފާން ވިދާޅުވީ މީގެ
ތެރެއިން %66 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި
ތަކުރާރުކޮށް ގެނެވިފައިވާ މީހުންކަމަށެވެ. އަދި ތަކުރާރުކޮށް ގެންނަ މީހުންނަކީ މަސްތުވާތަކެތީގެ
ބާރުގަދަ ވައްތަރުތަކަށް ހޭނިފައިވާ މީހުންކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ
މައްސަލަތަކުގައި އަލަށް ހައްޔަރުކުރެވޭ މީހުން ހައްޔަރުކުރެވެނީ ސޮފްޓް
ޑްރަގްސްގެ މައްސަލަތަކުގައިކަން
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފާހަގަކުރެއެވެ.
ޑްރަގް އެންފޯސްމަންޓް
ޑިޕާޓްމަންޓްގެ ހެޑް އަޙްމަދު ޝިފާން ވިދާޅުވީ ވޭތުވެދިޔަ 6 މަސްދުވަހުގެ
ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި
ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ. އަދި އެލްއެސްޑީ ފެންނަ
ނިސްބަތް އިތުރުވެފައިވާ ކަމަށާއި ނަމަވެސް ކޮންޓްރޯލް ޑްރަގްސް ފެންނަ ނިސްބަތް ވަރަށް
ބޮޑުތަން މަދުކުރެވި ވޭތުވެދިޔަ 6 މަސް ދުވަހު 80 ޓެބްލެޓް
އަތުލާފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ފުލުހުން
ބުނީ ވޭތުވެދިޔަ
6 މަސްދުވަހުގެ ތެރޭގައި
އަތުލެވުނު މަސްތުވާތަކެތީގެ
އަދަދު 6 މިލިއަން ދިވެހި
ރުފިޔާއަށް އަރާކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ތަހްގީކުރެވުނު މައްސަލަތަކަށް ބަލާއިރު 1562
މައްސަލަ ތަހްގީގްކުރެވި 1167 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވިފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި ކުޑަކުދިން
މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައިވެރިކުރާ ނިސްބަތް އިތުރުވެފައިވާކަމަށްވެސް އޭނާ
ވިދާޅުވިއެވެ.