ވިޔަފާރި

ޖޫރިމަނާއަކާ ނުލާ އިންކަމް ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ މުއްދަތު އިތުރުކޮށްފި


ޖޫރިމަނާއަކާ ނުލާ އިންކަމް ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ މުއްދަތު މިމަހުގެ ނިޔަލަށް މީރާއިން އިތުރުކޮށްފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ޖޫރިމަނާއަކާ ނުލައި ބަލައިގަތުމަށް މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދީފައިވާ މުއްދަތު މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީރާއިން ބުނީ ޖޫރިމަނާއަކާ ނުލާ އިންކަމް ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ މުއްދަތު އިތުރުކޮށްފައިވަނީ މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއިންވެސް ފެނިފައިވާތީ، މި ދަނޑިވަޅުގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭނީ "މީރާ 117" އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރާ ފޯމްއެވެ. އަދި އުޖޫރަ ދޭ ފަރާތްތަކުން، އެފަރާތުން އުޖޫރަދޭ މީހުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ "މީރާ 118 އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރާ ފޯމް"އެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމު މީރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 1 އެޕްރީލް 2020 އިން ފެށިގެން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނެގުމަށް ހަމަޖެހިފައިވާތީ، މިކަމާ ގުޅޭގޮތުން ވާންޖެހޭ ތައްޔާރީތައްވުމަށްވެސް މީރާއިން އިލްތިމާސްކުރެއެވެ.