ވިޔަފާރި

ޖޫރިމަނާއަކާ ނުލާ އިންކަމް ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ މުއްދަތު މިމަހު 15ގައި ހަމަވާނެ


ޖޫރިމަނާއަކާ ނުލާ އިންކަމް ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ މުއްދަތު މިމަހުގެ 15 ވަނަ ދުވަހު ހަމަވާނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، މިޤާނޫނުގެ ދަށުން ރަޖިސްޓްރީކުރަންޖެހޭ ފަރާތްތަކަށް ރަޖިސްޓްރީކުރުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ދޭންޖެހޭ 60 ދުވަސް ހަމަވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ރަޖިސްޓްރީ މުއްދަތު ހަމަވިނަމަވެސް މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން، ޖޫރިމަނާ ކުރުމަކާނުލާ ބަލައިގަންނަނާނެކަމަށް މީރާއިން ވަނީ ބުނެފައެވެ.

ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭނީ "މީރާ 117 އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން ފޯމް"އެވެ. އަދި އުޖޫރަ ދޭ ފަރާތްތަކުން، އެފަރާތުން އުޖޫރަދޭ މީހުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ "މީރާ 118 އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރާ ފޯމް"އެވެ. ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފޯމު މީރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 1 އެޕްރީލް 2020 އިން ފެށިގެން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނެގުމަށް ހަމަޖެހިފައިވާތީ، މިކަމާ ގުޅޭގޮތުން ވާންޖެހޭ ތައްޔާރީތައްވުމަށްވެސް މީރާއިން އިލްތިމާސްކުރެއެވެ.