ޚަބަރު

ކޯވިޑް-19: ތިން ރިސޯޓުވެސް ކަރަންޓީނުުން ދޫކޮށްލައިފި


ކޯވިޑް-19 އާއި ގުޅިގެން އަރާ ފޭބުން މަނާކުރި ތިން ރިސޯޓް ކަރަންޓީނުން ދޫކޮށްލާ ހުޅުވާލައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އަރާ ފޭބުން މަނާކޮށްފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އަދި ކުރަމަތި މޯލްޑިވްސްއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި ތިން ރިސޯޓަށް އަރާ ފޭބުން ހުޅުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް މި ބަލި ފެނުމުގެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމް އެ ރިސޯޓްތަކުގައި ހަމަޖައްސާފައިވާކަމަށެވެ. އަދި މިގޮތުން އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް އެ މީހުން ޢަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރު ކުރަމުންދާނެކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު އެރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން އެގްޒިޓް ސްކްރީން ކުރާނެކަމަށާއި މީގެ އިތުރުން މިބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޞިއްޙީ މުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެކަމަށްވެސް އެޗްޕީއޭއއިން ވިދާޅުވެއެވެ.

ކޯވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ 'ޕެންޑަމިކް'އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިހާރުވަނީ ކަނޑައަޅާފައެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން 'ޕެންޑަމިކް' ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ކޯވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވި ދެ ބިދޭސީންނާއެކު ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8 އަރާފައެވެ. މި 8 މީހުންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކާއި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނެވެ.

ކޯވިޑް19 އަށް އެންމެ ފަހުން ޕޮޒިޓިވްވިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާންކުރި ދެ ބިދޭސީންނަކީ ކުރިންވެސް މި ބައްޔަށް ބަޔަކު ޕޮޒިޓިވްވެފައިވާ ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓްކުރި 2 ބިދޭސީންނެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބައްޔަށް ޕޮޒިޓިވެފައިވަނި ކުރެއްދޫގެ ހަތަރު މީހަކާއި ބަތަލާގެ ދެ މީހަކާއި ކުރަމަތި ރިސޯޓްގެ ދެ މީހެކެވެ. ކޯވިޑް-19 އާއި ގުޅިގެން ފަރުކޮޅުފުށީ އައިސޮލޭޝަންގައި 15 މީހުން ތިބިއިރު، ވިލިވަރު ކަރަންޓީން ފެސިލިޓީގައި 13 މީހުން އެބަ ތިއްބެވެ.

މިބައްޔަށް ޝައްކުކުރެވިގެން 80 ސާމްޕަލްއެއް ނަގާފައިވެއެވެ. މީގެތެރެއިން 71 ސާމްޕަލްވަނީ ނެގެޓިވްކަމަށް ދައްކާއިރު ނަތިޖާ ނުލިބޭ 6 މީހަކު އެބަ ތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރެއިން ބަތަލާއިން ފެނުނު މީހާއަކީ އުމުރުން ދުވަސްވެފއިވާ މީހެއްކަމުން އޭނާ އާއި އޭނާގެ އަންހެނުން އިތުރަށް މޮނީޓަރކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ވަނީ ބަދަލުކޮށްފައެވެ. މިއީ ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި 8 މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލޭގައި ހުންނަ މައި ހޮސްޕިޓަލަށް ބަލި މީހަކު ގެނައި ފުރަތަމަ ފަހަރު. ކޯވިޑް-19 އަށް ޕޮޒިޓިވް ވި އެންމެންގެ ވެސް ހާލު ރަނގަޅުވަމުން އަންނަކަމަށް ސަރުކާރުން ވިދަޅުވޭ