ވިޔަފާރި

ފުނައްޑޫ ވިއްކާލުމުގެ މަސައްކަތް އަނެއްކާވެސް ބީއެމްއެލްއިން ފަށައިފި


ތ. ފުނައްޑޫގެ ލީސްހޯލްޑް ރައިޓްސްއާއި މަސް ޕްރޮސެސިންގ ފެކްޓްރީގައިވާ އިމާރާތްތަކާއި މެޝިނަރީތައް ނީލަމުގައި ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްއިން ޢިއުލާންކޮށްފިއެވެ.

ސަރުކާރުން ތ. ފުނައްޑޫ ދޫކޮށްފައިވަނީ އައި.އޯ.އެފް ޕަރައިވެޓް ލިމިޓެޑަށެވެ. އެރަށް ވިއްކާލުމުގެ މަރުހަލާ ބީއެމްއެލްއިން ފަށާފައި މިވަނީ، އެ ރަށް ދޫކޮށްފައި އޮތް އައިއޯއެފް ކުންފުންޏަށް ބީއެމްއެލްއިން ދޫކޮށްފައިވާ އޯވަރޑްރާފްޓް އަދި ޑިމާންޑް ލޯނަކަށް ފައިސާ ނުދައްކައިގެންކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ފުނައްޑޫގެ ލީސްހޯލްޑް ރައިޓްސް ގަންނަން ބޭނުންވާ ފަރާތްތަކުން މަދުވެގެން 7 މިލިއަން ޔޫއެސް ޑޮލަރު ހުށަހަޅަންޖެހޭކަމަށެވެ. އަދި ނީލަމުގެ ބައިވެރިވުމުގެ މުއްދަތު ހަމަވާނީ 31 މާރޗް ވަނަ ދުވަހުކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ކޮންމެ ދުވަހަކު ހުށަހަޅާ އެންމެ މަތީއަގު ބީއެމްއެލްގެ ވެބްސައިޓްގައި އާންމުކުރާނެކަމަށެވެ. ބީއެމްއެލްއިން ބުނީ ނީލަން ނިމުމުން އެންމެ މަތީއަގު ހުށައަޅާ ފަރާތަކަށް އެކަން އަންގާނެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ނުވަތަ ބޭންކުން އިތުރުކޮށްދޭ މުއްދަތެއްގެ ތެރޭގައި ފައިސާ ބޭންކަށް ދައްކަންވާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ނިންމާލުމުގެ ހައްޤު ބޭންކަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިލް ބުނެއެވެ.

ފުނައްޑޫ ވިއްކާލުމުގެ މަސައްކަތް ބީއެމްއެލްއިން ފަށާފައިވާއިރު، މީގެކުރިންވެސް އެރަށް ވިއްކާލުމުގެ މަސައްކަތް ބީއެމްއެލްއިން ކުރިއަށްގެންދިޔައެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.