ޚަބަރު

ރީތިރަށުން ޓެސްޓު ކުރި ކުޑަކުއްޖާ ނެގެޓިވް، އެރަށް ކަރަންޓީނުން ދޫކޮށްލައިފި


ރީތިރަށް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ކުޑަކުއްޖާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. މިއާއެކު އެ ރިސޯޓަށް އަރައި ފޭބުމަށް މިހާރު ހުރަހެއް ނެތް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އަށް ޝައްކު ކުރެވިގެން އެ ރިސޯޓުން ކަރަންޓީނުކުރި ކުޑަކުއްޖާގެ ކޮންޓެކްޓް ޓްރޭސިންވެސް ހަދައި ނިމިފައިވާކަމަށެވެ.

މިއާއެކު ރާއްޖޭގައި އަރައިފޭބުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ރިސޯޓު ހިންގާ ރަށްތަކުގެ ޢަދަދު މިވަނީ 3 އަށް މަދުވެފައެވެ. އަރާ ފޭބުމުން މަނާކޮށްފައިވަނީ ޅ.އަތޮޅު ކުރެއްދޫ އައިލެންޑް ރިސޯޓާއި އއ.އަތޮޅުގައި ހިންގާ ސޭންޑީޒް ބަތަލާ އައިލެންޑްގެ އިތުރުން އއ.ކުރަމަތި މޯލްޑިވްސްއެވެ.

މިރައްތަކުގެ ތެރެއިން ބަތަލާ އައިލެންޑްގައި ތިބި 2 ބިދޭސީއެއްގެ ފަރާތުން ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ 2 މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މި ދެ މީހުންނަކީ ކުރިން އެރަށުން ޕޮޒިޓިވްވެފައިވާ ކޭސްއެއްގެ "ކްލޯސް ކޮންޓެކްޓްސް"ކަން ހާމަކުރައްވާފައެވެ. މީގެ ކުރިން ބަޠަލާ ރިސޯޓުން ޝައްކު ކުރެވުނު 2 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ ޖުމަލަ 8 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.

ކޮވިޑް-19ގެ ޢަލާމާތްތައް ހުރިކަމަށް ބެލެވިގެން ޓެސްޓް ކުރި 2 ދިވެއްސެއްގެ ގައިގައި ވައިރަހުގެ އަސަރެއް ނެތްކަން ޓެސްޓްތަކުގެ ނަތީޖާއިން ވަނީ ދައްކާފައެވެ.