ޚަބަރު

އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ ބާރެއް ނެތް - އިލެކްޝަންސް


ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އިލެކްޝަން ކޮމިޝަނަށް ނެތްކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޤާނޫނީ ގޮތުން އިންތިޚާބްތައް ބޭއްވުމަށް ވަކި މުއްދަތުތަކެއް އިލެކްޝަން ކޮމިޝަނަށް މަތިކޮށްފައިވާކަމަށެވެ. ޤާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވުމަކީ އިލެކްޝަން ކޮމިޝަންގެ ޤާނޫނީ ޒިންމާއެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން އިންތިޚާބު ފަސްކުރުމަށް އަމާޒުކުރެވޭ ސުވާލުތަކާ ގުޅިގެން ޝަރީފް ވިދާޅުވީ އިންތިޚާބް ފަސްކުރެވޭނެ އޮތް ހާލަތަކީ ކޯޓުން އެފަދަ އަމުރެއް ކުރުމުންކަމަށެވެ. އަދި ކޮމިޝަނަށްވެސް އެއަމުރަށް އެދުމުގެ ފުރުސަތުއޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އަދި ރާއްޖޭގައި އިންތިޚާބު ފަސްކުރަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ކޮމިޝަންގެ މެމްބަރުންނަށް ޤަބޫލުނުކުރެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބް ފަސްކުރާނަމަ ދައުލަތަށްވެސް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށެވެ. މިހާތަނަށް އިންތިޚާބަށް ކަނޑައެޅިފައިބާ ބަޖެޓުން 3 ބައިކޮށްފަ އެއްބަޔަށްވުރެ ބޮޑަށް ހޭދަކުރެވިފައިވާއިރު އިންތިޚާބް ފަސްކޮށްގެން ބާއްވާނަމަ 30 މިލިޔަން ރުފިޔާ އިތުރަށް ބޭނުންވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ ބައެއް ރިސޯޓްތަކަށް އަރާފޭބުން މަނާކޮށްފައިވުމަކީ ކޮމިޝަނަށް އޮތް ގޮންޖެހުމެއްކަމަށާ، ބައެއް ޤައުމުތަކުގައިވެސް މިފަދަ ޙަލަތު އޮތުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. މިމައްސަލާގައި ކޮމިޝަނުން ކޯޓް އަމުރަކަށް ދިއުމާއި ގުޅޭގޮތުން މާދަމާ ހައިކޯޓްގެ ފަޑިޔާރުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤާނޫނުގައި އޮތް ގޮތުން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވުމުގެ 30 ދުވަސްކުރިން އިންތިޚާބް ބޭއްވުމަށް ޤާނޫނުން ކޮމިޝަނަށް މަތިކޮށްފައިވާކަމަށެވެ. އިންތިޚާބް ލަސްކޮށްފިނަމަ ލަސްކުރެވެން އޮތް އެންމެފަހުގެ ތާރީޚަކީވެސް މެއި މަހުގެ 3ވަނަ ދުވަސްކަމަށް ޝަރީފް ވިދާޅުވިއެވެ.