ޚަބަރު

ޗައިނާ ބަސް ދަސްކުރުމުގެ ފުރުސަތު ދެ ފުލުހަކަށް


ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއާއި
ޗައިނާގެ އެމްބަސީ ގުޅިގެން، ދެ ފުލުހަކަށް ޗައިނާ ބަސްދަސްކުރުމަށް ސްކޮލަރޝިޕް
ފުރުސަތުދެއްވިއެވެ. 



މި ލިޔުން ހަވާލުކުރެއްވުން
އޮތީ ބަނޑޮސް އައިލެންޑް ރިޒޯޓުގައިއެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް
ޕޮލިސް ހުސެންވަހީދު ދެއްކެވި ވާހަކާގައި ޗައިނާ ބަސްދަސްކުރުމުގެ މުހިއްމު ކަމުގެ
މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފާއިތުވި ތިން އަހަރު ޗައިނާގެ
ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޗައިނާ
ބަސްދަސްކުރާ ފުލުހުން މަސައްކަތްކުރާނީ ފަތުރުވެރިކަމާއި ގުޅުންހުރި ސަރަހައްދެއްގައި
ކަމުގައެވެ.



އަދި މިފަދަ އިތުރު ފުރުސަތުތަކަށް
މަރުހަބާ ވިދާޅުވެފައިވެއެވެ. 



މިރަސްމިއްޔާތުގައި ސާކް
ޗެމްބަރ އޮފް ކޮމާސްގެ ރައީސް އަދި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ދެއްކެވި ވާހަކައިގައި އެޖަމިއްޔާއިން ފަތުރުވެރިކަމުގެ
ސިނާޢަތަށްދޭ ޚާއްސަ ސަމާލުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި
ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ބޭރު
ޤައުމުތަކުގެ ބަސްދަސްކުރުމުގެ މަޝްރޫޢެއް ހިންގެވުމަށް ނިންމާފައިވާ ކަމުގައި
ވިދާޅުވިއެވެ.

މީގެއިތުރުން ޗައިނާ ބަސް ދަސްކުރުމަށް ދެއްވި ސްކޮލަރޝިޕް ފުރުސަތަށް
އިޝާރަތްކުރައްވާ ވިދާޅުވީ، ބަހެއް އޭގެ އެންމެ ފުރިހަމަ މާނައިގާ އުގެނުމަށް
އެބަހަކުން ވާހަކަދައްކާ ބައެއްގެ ސަޤާފަތާއި އާދަކާދަވެސް އެގެންޖެހޭ ކަމުގައިއެވެ.



 



މިރަސްމިއްޔާތުގައި
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ފުލުހުންގެ އިސްވެރިން
ބައިވެރިވެވަޑައިގެންނެވިއެވެ. ޗައިނާ ބަސްދަސްކުރުމަށް ފުރުސަތު ލިބުނު ދެ
ފުލުހުންނަށް ޗައިނާ އެމްބަސީއިންވެސް ވަނީ ވަރަށް ފުރިހަމަ
ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.