ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކުރެއްދޫގައި ތިބި 3 މީހުން ފަރުކޮޅަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވި ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.
މަބުރޫކް ވިދާޅުވީ، ކުރެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ތިން މީހުންނާއި އެކު، އިތުރު ދެމީހުންވެސް ފަރުކޮޅަށް ގެނައުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެެވެ.
މަބުރޫކު ވިދާޅުވީ، އަނެއް ދެމީހުންނަކީ، އެމީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ހުރި ކްލޯސް ކޮންޓެކްޓް މީހުންކަމަށެެވެ.
އެމީހުން މާލެ ގެނައުމާއި ގުޅޭ ގޮތުން އައިޖީއެމް ހޮސްޕިޓަލުގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު، ޑރ އަހުމަދު ޝަހީދު ވިދާޅުވީ، ކުރެއްދޫގައި ތިބި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ 3 މީހުންނާއި، އެބައްޔަށް ޝައްކު ކުރެވޭ ބަލީގެ އަލާމާތްތައް ހުރި މީހުން ފަރުކޮޅަށް ގެންނަނީ، ކޮވިޑް-19 އާއި ގުޅިގެން އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށެވެ.
އެއުސޫލުގެ ދަށުން ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށާއި، ކްލޯސް ކޮންޓްކްޓް މީހުންގެތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓްކުރުމަށް ނިންމާފައި ވަނީ ފަރުކޮޅުގައި ބައިތިއްބައިގެން ކަމަށެވެ.
ޑރ ޝަހީދު ވިދާޅުވީ، މިހާރުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ފަރުކޮޅުގައި ފަރުވާދެވެމުންދާ 3 މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.
ކޮވިޑް-19އަށް ޕޮޒިޓިވް 6 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އެބަލީގެ އަލާމާތްތައް ހުރި އިތުރު ދެމީހަކު ވަނީ މޮނީޓަރކުރަން ފަށާފައެެވެ. އަދި ކުރިން ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވިގެން ޓެސްޓް ކުރި ދެދިވެހިންގެ ގައިގައި ވައިރަހުގެ އަސަރެއް ނެތްކަން ޓެސްޓްތަކުގެ ނަތީޖާއިން ވަނީ ދައްކާފައެވެ.