ޚަބަރު

ކޮވިޑް-19: ކުރަމަތި ރިސޯޓުން ޝައްކުކުރެވޭ ބިދޭސީއަކު ކަރަންޓީން ފެސިލިޓީއަށް ގެންނަނީ


އއ ކުރަމަތީގައި ހިންގާ ކުރަމަތި އައިލެންޑް ރިޒޯޓުން ގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ކަރަންޓީން ފެސިޓީއަށް ބަދަލުކޮށް ޓެސްޓްު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނީ، ކުރަމަތި ރިޒޯޓުން ކޮވިޑް-19އަށް ޝައްކުކުރެވޭ މީހަކު ފެނުމާއި ގުޅިގެން އެރިޒޯޓަށް މީހުން އަރައި ފޭބުން މިހާރު ވަގުތީ ގޮތުން މަނާކޮށްފައިވާކަމަށެވެ.

ކުރަމަތި ރިޒޯޓަށް މީހުން އަރައި ފޭބުން މަނާކުރުމާއި އެކު ކޮވިޑް-19 އާއި ގުޅިގެން މީހުން އަރައި ފޭބުން މަނާކޮށްފައިވާ ރިޒޯޓުތަކުގެ އަދަދު 4 އެރީއެވެ.

ވަގުތީގޮތުން މީހުން އަރައިފޭބުން މަނާކޮށްފައިވާ، ރިޒޯޓުތަކުގެ ތެރޭގައި ކުރެއްދޫ އައިލެންޑް ރިޒޯޓާއި، އއ ސޭންޑީސް ބަޠަލާ އާއި ވިލަމެންޑޫ ރިޒޯޓުގެ އިތުރުން ކުރަމަތި މޯލްޑިވުސް ރިޒޯޓެވެ.

އެޗްޕީއޭއިން ކުރި ޓްވީޓް __

މިހާތަނަށް ރާއްޖެއިން 6 މީހަކު، ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވެއެވެ. އެ އެންމެންނަކީވެސް ރިޒޯޓުތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. މިހާތަނަށް 71 މީހަކު ކޮވިޑް-19 ޓެސްޓްކޮށްފައިވެއެވެ.

ކުރެއްދޫގައި 10 މީހަކު އައިސޮލޭޓްކޮށްފައި ވާއިރު، ކ ވިލިވަރުގައި 9 މީހަކު ވަނީ އައިސޮލޭޓްކޮށްފައެވެ.

އަދި ފަރުކޮޅުފުށީގައި މިވަގުތު އެއްވެސް މީހަކު ކަރަންޓީންކޮށް ބަހައްޓާފައެއް ނުވެއެވެ. އެންމެ ފަހުން އެތަނުގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން ޗައިނާއިން ރާއްޖެ އައިސް 14 ދުވަހަކަށް އައިސޮލޭޓް ކުރި މީހުން އެމީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެންނާތީ މިއަދު ވަނީ ދޫކޮށްލާފައެވެ.