ޚަބަރު

އިންތިޤާލީ އިންސާފުގެ ބިިލަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް މާދަމާރޭ ބައްދަލުވުމެއް ބާއްވަނީ


2012ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ހުށަހަޅާފައިވާ އިންތިޤާލީ އިންސާފުގެ ބިލަށް ރައްޔިތުންގެ ޚިޔާލް ހޯދުމަށް މާދަމާރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިބިލަށް ރައްޔިތުންގެ ޚިޔާލް ހޯދުމަށް ހުޅުވާލާ ފުރުސަތުގައި ޢާންމުންގެ ޚިޔާލް ވީހާވެސް ފުޅާގޮތެއްގައި ފާޅުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިބިލާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އެކުލަވާލާފައިވާ ޕެނަލްގައި ހިމެނި ވަޑައިގަންނަވަނީ 5 ބޭފުޅުންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޕެނަލްގައި ހިމެނި ވަޑައިގެންނަވަނީ ބަންޑާރަ ނައިބް އިބްރާހީމް ރިއްފަތާއި ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙުމޫދުގެ އިތުރުން މިބިލް މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދެވެ.

ޕެނަލްގައި ހިމެނިވަޑައިގަންނަވާ ކޮންމެ މެމްބަރަކަށް މިބިލަށް ވާހަކަ ދެއްކެވުމަށް، ކަނޑައަޅާފައިވަނީ 3 މިނިޓްގެ ވަގުތެކެވެ. އަދި ޢާންމުންގެ ޚިޔާލު ފާޅުކުރުމަށް ކަނޑައެޅިފައިވަނީ ކޮންމެ ބޭފުޅަކަށް 2 މިނިޓްގެ ވަގުތެކެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިގޮތަށް ކަނޑައަޅަންޖެހުނީ އެންމެ ފަހުން މަޖިލީހުގައި ބޭއްވި، ޢާންމުންގެ ޚިޔާލް ހޯދުމުގެ މިފަދަ ބައްދަލުވުމުގައި ކަންކަން ހިނގައިދިޔަ ގޮތަށް ބަލައި ވަގުތު ސަލާމަތްކުރުމުގެ ގޮތުންކަމަށެވެ.

އިންތިޤާލީ އިންސާފުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28ވަނަ ދުވަހުއެވެ. މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ 2012އިން 2018 އާއި ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުންކަމަށް މިބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފުވެރިކަން ޤާއިމްކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދު ފުޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޚާއްސަކޮށްގެން ނިމިދިޔަ 5 އަހަރުގައި ނުހައްގުން އަނިޔާލިބި އިންސާފު ޤާއިމްވެފައިނުވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޙާބްގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.