ޚަބަރު

މުޅި ވޯޓު ކަރުދާސް ބާޠިލް ނުވާގޮތަށް ޤާނޫނަށް އިސްލާހު ގެނެސްފި


ކައުންސިލް އިންތިޚާބުގައި މުޅި ވޯޓްކަރުދާސް ބާޠިލް ނުވާނެގޮތަކަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މިގޮތަށް މަޖިލީހުން ފާސްކުރައްވާފައިވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް މިއިސްލާޙު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދާމެވެ. މުޅި މަޖިލިސް ކޮމިޓީއަކަށް ގޮސްގެން މިއަދު ކުރިއަށްދިޔަ މަސައްކަތުގައި މިބިލަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވަނީ މިބިލަށް އިސްލާޙެއް ހުށަހަޅުއްވާފައެވެ. މިއިސްލާހާއެކު މިބިލް ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ.

މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވި މައިގަނޑު ސަބަބާ ގުޅޭގޮތުން ރޮޒައިނާ އާދަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާހުގައި، އެއް ކަރުދާހެއްގައި އެއް މަޤާމަށްވުރެ ގިނަ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ވޯޓުލާ ޙާލަތެއްގައި އެއް ވޯޓު ބާޠިލްވުމުން ދެން ހުރި ވޯޓުވެސް ބާޠިލްވެދާނެ ޙާލަތެއް ކުރިމަތި ނުވާނެގޮތަކަށް ޤާނޫނު ބައްޓަންކުރުމަށްކަމަށެވެ.

ރަށު ކައުންސިލްގެ ވޯޓު ކަރުދާހުގައި އަތޮޅު ކައުންސިލްގެ ރައީސް، ރަށުކައުންސިލްގެ ރައީސް، ކައުންސިލަރުން އަދި އަންހެނުންނަށް ޚާއްސަ ގޮނޑީގެ ކައުންސިލަރުންނަށް ވޯޓުލާއިރު، ރަށު ކައުންސިލްގެ ރައީސަށް ލާ ވޯޓު ބާޠިލްވާ ހިސާބުން މުޅި ވޯޓު ކަރުދާސް ބާޠިލް ވާގޮތަށް އޮތުމުން އޭގައި ދެންއޮތް ކައުންސިލަރުންގެ ވޯޓާއި އަންހެން ކައުންސިލަރުންގެ ވޯޓުވެސް ބާޠިލްވެގެންދެއެވެ.

އެހެންނަމަވެސް މިއިސްލާހާއެކު ވޯޓް ކަރުދާސް ބާޠިލްވުމުގެ ބަދަލުގައި ބާތިލްވެގެންދާނީ ގޯސްކޮށް ލެވޭ ވޯޓްކަމަށް އޭނާ ވީދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްމަބަރުންވަނީ މި އިސްލާހަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި މިއާއެކު ވޯޓް ކަރުދާހުގައި ހިމެނޭ ހުރިހާ ވޯޓެއް ބާޠިލްނުވާގޮތަށް ކަނަޑައެޅުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.

މިބިލަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއިސްލާހާއެކު ވޯޓްލާ ފަރާތްތަކަށާއި، ވޯޓް ގުނުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް ފަސޭހަ ވެގެންދާނެކަމަށެވެ. އަދި މިއިސްލާހަކީ މަޖިލީހުން އަވަސްގޮތަކަށް ނިންމަންޖެހޭ އިސްލާހަކަށްވުމުން މިއަދު މިބިލް ތަސްދީޤް ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވާނެކަމަށްވެސް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ކަރުދާހެއްގައި 4 ވޯޓް އޮންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. ޤާނޫނަށް މިގެނައި އިސްލާހާއެކު ވޯޓް ކަރުދާސްއެކުގައި ބާޠިލްވުމުގެ ބަދަލުގައި ބާޠިލްވެގެންދާނީ ގޯސްކޮށް ހުންނަ ވޯޓްތައް އެކަނިކަމުގައި ވަނީ ކަނޑައަޅާފައެވެ. ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާފައިވަނީ އަންނަ މަހުގެ 4ވަނަ ދުވަހުއެވެ.