ކުޅިވަރު

ބައިބަލާ މުބާރާތުގެ ގަދަ 16އަށް ޓީމްތަށް ދަތުރުކޮށްފި


އެންމެ ޓީމެއް ފިޔަވާ މިހާރު ކުރިއަށްދާ ބައިބަލާ
މުބާރާތުގެ ގަދަ ސޯޅައަށް ދަތުރުކުރި ޓީމްތަކަށް ކަށަވަރުވެއްޖެއެވެ.

ގަދަ ސޯޅައަށް
ޓީމްތަށް ދަތުރުކޮށްފައިވަނީ ރޭ ކުޅުނު މުބާރާތުގެ ދެވަނަ ބުރުގެ
މެޗްތަކަށްފަހުއެވެ. ޕަންކް ނެކްސް ލެވެލް ސިދާ ދެ ގޭމުން ބަލިކޮށް، އީގަލްސްއިން
ތްރީޑީ ވަނީ ގަދަ ސޯޅައިގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ކުލަބް ގްރީން
ސްޓްރީޓް ސިދާ ދެ ގޭމުން ރެޑްލައިން ސިޓީގެ މައްޗަށް ކުރި ހޯދާފައިވާއިރު،
ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ދަނޑުގޯޅި ބައްދަލުކުރި މެޗް ތިން ހިފުމަށް ގޮސްގެން
ކާމިޔާބުކުރީ ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. ނަލަހިޔާ ވައި ކަންމަތިއާއި ނަލަހިޔަ
ގުރީން ސްޓްރީޓް ބައްދަލުކުރި މެޗް ގަދަ ހިފުމަށް ގޮސްގެން މެޗް
ކާމިޔާބުކޮށްފައިވަނީ ނަލަހިޔާ ވައި ކަންމަތިއެވެ. ހައްހާ ވައިކަންމަތި ސީދާ ދެ
ގޭމްއިން ކުރި ހޯދާފައިވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށެވެ. 

ފޯރިގަދަ ކުޅުމެއް
ފެނިގެންދިޔަ ބީޖީ ޖޫނިއާރސްއާ ލޮރެންޒޯ ހޭނަސް ވާދަކުރި މެޗް ލޮރެންޒޯ ހޭނަސް
ކާމިޔާބުކޮށްފައިވަނީ ގަދަ ހިފުމަށް ގޮސްގެންނވެ. ބީޖީ ސްޕޯޓްސް ކުލަބް ވަނީ ސީދާ ދެ
ގޭމްއިން ބުރު ޕާކް ބަލިކޮށް، މުބާރާތުގެ ގަދަ ސޯޅައަށް ދަތުރުކޮށްފައެވެ. އަދި ޓީނޭޖް ޖުނިއާރސް ވަނީ ސީދާ ދެ ގޭމްއިން ކުޑަ ހެންވޭރު ލޯލާގެ މައްޗަށް ކުރި ހޯދާފައެވެ.

ރޭގެ
ފަހު މެޗްގައި ބައްދަލުކޮށްފައިވަނީ އެލްޓީ ސްޕޯޓްސް ކުލަބާއި ހައްހާ ވައި
ކަންމަތީގެ ޓީމެވެ. މިމެޗްގެ ފުރަތަމަ ގޭމް ގެންދިޔައީ އެލްޓީ ސްޕޯޓްސް ކުލަބެވެ. މެޗްގެ
ދެވަނަ ގޭމް ނިމެންދަނިކޮށް، ރެފްރީ ނިންމި ނިންމުމަކާ ގުޅިގެން މެޗް
ހޫނުވެގެންދިޔައެވެ. އަދި ސަޕޯޓަރުން ބައިބަލާ ރިންގަށް އެރުމުން މެޗް ހުއްޓާލިއެވެ. ބައިބަލާ އެސޯސިއޭޝަންއިން ބުނީ އެލްޓީ ސްޕޯޓްސް ކުލަބާއި ހައްހާ ވައި ކަންމަތީގެ
ދެވަނަ ގޭމްގައި ހިނގާދިޔަ ކަންތައްތައް ބެލުމަށްފަހު، އެސޯސިއެޝަންގެ މައްސަލަ
ބަލާ ކޮމެޓީން އެކަމަށް ގޮތެއް ނިންމާނެކަމަށެވެ. 



މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ
ލިބޭއިރު، މިއަހަރުގެ ބައިބަލާ މުބާރާތުގައި 53 ޓީމް ދަނީ ވާދަކުރަމުންނެވެ.