ކޮންމެހެން ބޭރަށް ނިކުންނަންޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް މުޅި އިޓަލީގައި ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.
ކޮރޯނާވައިރަސް ފެތުރެމުންދާތީ އިޓަލީގެ 16 މިލިއަން މީހުން އުޅޭ ސަރަޙައްދެއް މީގެކުރިން ކަރަންޓީންކޮށްފައިވާއިރު، 60 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިޓަލީ އަޅާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމިކަން އިޢުލާންކުރެއްވީ އެޤައުމުގެ ބޮޑުވަޒީރު ގިއުސެފް ކޮންޓޭއެވެ.
އިޓަލީން މިފިޔަވަޅުތައް އަޅަން ނިންމައި އެކަން އިޢުލާންކުރައްވަމުން އިޓަލީގެ ބޮޑުވަޒީރު ކޮންޓޭ ވިދާޅުވީ އިޓަލީ އެއްކޮށް ބަނދުކުރުމުގެ ފިޔަވަޅު އަޅަންޖެހުނީ އިތުރު ގޮތެއް ނެތިގެންކަމަށެވެ. އަދި ބޭރަށް ނިކުތުމަށް ހުއްދަ ދެވޭ ފަރާތްތައް ފިޔަވައި އިތުރު އެއްވެސް ފަރާތެއް ބޭރަށް ނިކުމެ ނޫޅުމަށް ބޮޑުވަޒީރު ވަނީ އިލްތިމާސްކޮށްފައެވެ.
އިޓަލީގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު، އާދީއްތަދުވަހުން ފެށިގެން ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ އިޓަލީގައި 24 އިންސައްތަ އިތުރުވެފައެވެ. އިޓަލީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދެ ހަފްތާގެ ތެރޭގައި ކޮރޯނާވައިރަސްގެ ސަބަބުން އެޤައުމުން ވަނީ 463 މީހުން މަރުވެފައެވެ. އަދި އިޓަލީގެ ހުރިހާ ސަރަޙައްދަކުންވެސް ކޮރޯނާވައިރަސް ފެނިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އިޓަލީގައި އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން ހުރިހާ ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ވަނީ ބަންދުކޮށްފައެވެ. އަދި އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ލީގުގެ މެޗުތައްވެސް ވަނީ މެދުކަނޑާލާފައެވެ. އަދި އެއްވެސް ވަރަކަށް މީހުން އެއްވެ އުޅެންޖެހޭފަދަ އެއްވެސް ހަރަކާތެއް އިޓަލީގައެއް ނުބޭއްވޭނެއެވެ.
އިޓަލީ ސަރުކާރުން ބުނީ ބޭރަށް ނިކުމެވޭނީ، ނުވަތަ ދަތުރުކުރެވޭނީ ވަރަށް މުހިއްމު މަސައްކަތެއް ނުވަތަ އާއިލީ ބޭނުމަކަށް އެކަނިކަމަށެވެ. އަދި ފްލައިޓްތަކުގައި އެޤައުމުން ބޭރަށް އަދި އެތެރެވާ މީހުންނަށްވެސް، ދަތުރުކުރެވޭނީ މަޤްބޫލް ސަބަބެއް އޮވެގެންކަމަށްވެސް އިޓަލީ ސަރުކާރުން ބުނެއެވެ.
މީގެއިތުރުން ކުރޫޒްލައިންތައް ބަނދަރުކުރުން ބައެއް ސަރަޙައްދުތަކުގައި މަނާކޮށްފައިވާއިރު، ޓްރެއިން ސްޓޭޝަންތަކުގައި ފަސިންޖަރުންގެ ހުން ބެލުންވެސް ދަނީ ކުރަމުންނެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު މިހާތަނަށް އެއް ލައްކަ އެގާރަ ހާސް މީހުންގެ ގައިން ވަނީ ވައިރަސް ފެނިފައެވެ. އަދި 3890 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގައިވަނީ ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވެމުންކަމަށް ޚަބަރުތައް ބުނެއެވެ.