ސިޔާސީ

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ އިސްލާހު ބަލައިގެންފި


ބިޔަ އިންވެސްޓްކުރާ ކުރާ ބޭރުގެ ފަރާތްތަކަށް
ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށައެޅި އިސްލާހު ބޮޑު
އަގްލަބިއްޔަތަކުން ރައްޔިތުންގެ މަޖިލީހަށް ރޭ ބަލައިގަނެފިއެވެ. މި އިސްލާހު
ބަލައިގަތީ 62 މެމްބަރުންގެ އަޣްލަބިއްޔަތުނނެވެ. އަދި މަޖިލީހަށް މި އިސްލާހު
ބަލައިގަތުމަށްފަހު ވަނީ ދިރާސާކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް
ފޮނުވާފައެވެ.މިއީ ގާނޫނުއަސާސީގެ 251 ވަނަ
މާއްދާ އިސްލާހުކުރުމާއި ގާނޫނުއަސާސީ އަށް 15 ވަނަ ބާބު އިތުރު ކުރުމަށް ހުށައެޅި
ބިލެކެވެ.

ޤާނޫނު އަސާސީގައި މިހާރު ބުނެފައިވާގޮތުން ފަރާތަކަށް އެއްވެސް ސަރަހައްދެއް
ކުއްޔަށް ދެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން 99 އަހަރަށް ކަމަށެވެ.



ޕީޕީއެމް ޕާލިމަންޓްރީ
ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް ހުށައަޅުއްވާފައިވާ އިސްލާހުގައި
ބުނެފައިވަނީ، އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ
ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުން ބިމެއް ދެވިދާނެކަމަށެވެ. ނަމަވެސް އެފަދަ
ފަރާތަކަށް ބިމެއްގެ "މިލްކުވެރިކަމުގެ ހައްގުތައް" ދިނުމަކީ އެ
ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލި، އެސަރަހައްދަކީ
ރާއްޖޭގެ ސަރަހައްދެއް ކަމަށް ނުބެލެވޭނެ ސަބަބެއް ނޫން ކަމަށް އެ އިސްލާހުގައިވެއެވެ. އަދި
އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން
ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިެއެވެ.އެ
އިސްލާހު ގެނައުމުގެ އިތުރުން ގާނޫނު އަސާސީއަށް ބާބެއް އިތުރު ކުރުމަށްވެސް
ހިމަނާފައިވެއެވެ. ޝަރުތު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލުކުވެރިކަމުގެ ހައްގު
ދޫކުރުމުގެ ނަމުގައި އިތުރުކޮށްފައިވާ ބާބުގައި ބުނެފައިވަނީ، ޝަރުތު ފުރިހަމަވާ
ޕްރޮޖެކްޓަކާއި ގުޅިގެން ކޮންމެ މީހަކަށް ވެސް ދިވެހި ސަރުކާރުން ޕްރޮޖެކްޓު
ހައްގު ދޫކުރެވިދާނެކަމަށެވެ. އެގޮތުން ދޫކުރެވޭ ބިމުގެ ނިސްބަތް ރާއްޖޭގައި ހުރި
އުފެދިފައިވާ ބިމުގެ %10އަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އެ
ބާބުގައި ބުނެފައިވޭ. މީގެ އިތުރުން ނިހާން ވަނީ، އެބިމެއް ދައުލަތަށް ނެގޭނެ
ގޮތްވެސް މިބިލުގައި ހިމަނާފައެވެ."މިއީ ވަރަށް ބޮޑަށް ވިސްނުންތެރި ކަމާއި
އެކުގައި ގައުމުގެ ތަރައްގީއަށްޓަކައި އަލަށް މިހުޅުވޭ މާ ސިންގާ ދޮރުގެ ތެރެއިން
އަޅުގަނޑު ކުރިން ވެސް އިޝާރާތް ކުރި ފަދައިން ގާނޫނު އަސާސީގައި ބަޔާންކޮށްދޭ
އަސާސީ ހައްގުތަކާ މިނިވަންކަމާއި ދިރިއުޅުމުގެ ހައްގަށް ރައްޔިތުންގެ މަޖިލީހުގެ
މެމްބަރުންގެ ހައިސިއްޔަތުންވާ ގުރުބާނީއެއް،" އިސްލާހު ހުށައަޅުއްވަމުން ނިހާން ވިދާޅުވިއެވެ.މި ބިލަށް ވާހަކަ ދެއްކި
ގިނަ މެމްބަރުން ވަނީ ތާއީދުކޮށްފައެވެ. އިދިކޮޅު ގިނަ މެމްބަރުންވެސް މި
އިސްލާހަށް ތާއީދުކޮށްފައެވެ. މެމްބަރުން ވިދާޅުވީ، އެއްބިލިޔަނަށް ވުރެ ގިނަ
ރުފިޔާ ހިފައިގެން ރާއްޖެ އަންނަ ބޭރު މީހުން ހިއްކާ ބިންތައް އެމީހުންނަށް
މިލްކުވާން ޖެހޭނެކަމަށާއި، ވިސްނުން  މިއަދު ތަރައްގީވާންޖެހޭކަމަށާއި،  އެހެން ނޫންނަމަ ތަރައްގީއެއް ނާންނާނެކަމަށެވެ.
އަދި މީ ރައްޔިތުންގެ  މާލީ ތަނަވަސްކަން
އިތުރުވެގެންދާނެ ކަމެއެއްކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.




"އަޅުގަނޑަށް އެނގޭ މިފަދަ ފުރުސަތެއް ރާއްޖެއަށް ތަނަވަސްވެގެންކަން މިވަގުތު
މިއުޅެނީ. އެހެންވީމައި މިމަޖިލީހުން އެކަން ނުކޮށްފިއްޔާ އެފުރުސަތު ރާއްޖެއަށް
ގެއްލޭނެ،" މެމްބަރަކު ވިދާޅުވިއެވެ.



މިއީ މިހާތަނަށް ޤާނޫނު
އަސާސިއަށް ގެނެވުނު ދެވަނަ އިސްލާހެވެ.