ޚަބަރު

ދެން ރާއްޖެއަށް އެތެރެވެވޭނީ 14ދުވަހުގެ ޓެރެވަލް ހިސްޓްރީ ހުށައެޅުމަށްފަހު


ރާއްޖެ ބޭރުން އަންނަ ކޮންމެ މީހަކަށްވެސް ދެން ރާއްޖެއަށް އެތެރެވެވޭނީ އެމީހެއްގެ 14ދުވަހުގެ ޓްރެވަލް ހިސްޓްރީ ހުށައެޅުމަށްފަހުކަމަށް ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖެއަށް މީހުން އެތެރެވާ ވައިގެ ބަނދަރުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. ކޮވިޑް ޙާލަތާއި ގުޅޭގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ މިހާރު ރާއްޖެ އެތެރެވެވޭނި އިމިގްރޭޝަނުންދޭ ހެލްތް ޑިކްލަރޭޝަން ކާޑެއް ފުރައިގެންކަމަށެވެ.

އެގޮތުން އެއަރޕޯޓުން ބޭރުވެވޭނީ މި ކާޑު ފުރުމަށްފަހުކަމަށް ސަރުކާރުން ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕޯކްސްޕާސަން، މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

"މި ކާޑުގައި އެމީހަކު އެންމެ ފަހުން ދިޔަ ޤައުމުތަކުގެ މަޢުލޫމާތުތައް ލިޔަން ޖެހޭނެ. މިކަން ބަލަނީ ވައިރަހުގެ ރިސްކް ބޮޑު ޒޯނަކަށް ގޮސްފައި ހުރިތޯ ބެލުމަށް. މިފަދަ ތާކަށް ގޮސްފައިވާނަމަ އިތުރަށް ބަލާނަން" މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުންވެސް އެއަރޕޯޓްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށްވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ތަރމަލް ކެމެރާ ބޭނުންކުރުމުގެ އިތުރަށްވެސް ޓެސްޓު ކުރެވޭނެގޮތްތައް އެއަރޕޯޓްތަކުގައިވަނީ ހަމަޖައްސާފައެވެ.

"ފުރަތަމަ ތަރމަލް ކެމެރާއިން ބަލަނީ. އެއަށްފަހު ހުން ހުންނަ ކަމަށް ފެންނަ މީހުންނާއި ހީވާ މީހުން ފޯހެޑް ކެމެރާ ބޭނުންކޮށްގެން ހުމަށް އެބަ ޓެސްޓްކުރޭ. އަދި އެއައްފަހު ހުން ހުންނަނަމަ އެއަރޕޯޓްގައި ޤާއިމުވެފައިހުރި މެޑިކަލް ފެސިލިޓީއަށް ފޮނުވާނަން. އެތަނުން ޑޮކްޓަރު ބަލާނީ. ބަލާފައި ނިންމާނެ އައިސޮލޭޝަންއަށް ދާންޖެހޭތޯ." މަބްރޫކް ވިދާޅުވިއެވެ.

އެއަރޕޯޓްތަކުގައި ކޮރޯނާއަށް ޓެސްޓްކުރަން ތާމަލް ކެމެރާ ބަހައްޓަން ފަށާފައި ވަނީ ޖެނުއަރީމަހުގެ ފަހުކޮޅުއެވެ. އެގޮތުން އެއަރޕޯޓްތަކާއި ސީޕޯޓުގައި ތާމަލް ކެމެރާ ބަހައްޓައިގެން ދަނީ އަންނަ މީހުން ސްކްރީން ކުރަމުންނެވެ.