މިއަހަރުގެ ރޯދަމަހަށް އެސްޓީއޯއިން ގެންނަ މުދާ ޝިމްޕަންޓްތައް ގެނައުން އަވަސްކުރުމަށް ނިންމާފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ސަޕްލައި ޗެއިނަށް އައިސްދާނެ ބަދަލުތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޢަމްރު ވިދާޅުވީ އާންމުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި މިހާރުވެސް ލިބެމުންދާނެކަމަށެވެ.
އެގޮތުން އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެކަމަށް އަމްރުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޢަމްރު ވިދާޅުވީ ކޮންމެ އަހަރަކުވެސް އެކުންފުނިން ދުރާލާ ރޯދަމަހަށް ތައްޔާރުވަމުންދާކަމަށާއި މިއަހަރުގެ ރޯދަމަހަށް ބޭނުންވާ ފިޔާ، ބިސް އަލުވި ފަދަ ބާވަތްތައް މިހާރުވެސް އޯޑަރުކޮށްފައިވާކަމަށެވެ.
އަމްރު ވިދާޅުވީ މިހާރު އޮތް ހާލަތަށް ބެލުމަށްފަހު މި ތަކެތި އަވަހަށް ގެނެސް ސްޓޮކް ކުރުމަށް ނިންމާފައިވާކަމަށެވެ.
ފިޔާ، ބިސް އަލުވި ފަދަ ބާވަތްތަކަކީ އެސްޓީއޯއިން އާންމުކޮށް ރޯދަމަހާއި ދިމާކޮށް ގެންނަ ބާވަތްތަކެކެވެ. އެހެންނަމަވެސް އެސްޓީއޯއިން މިހާރުވަނީ ކާޑު އެތެރެކުރާ ގޮތަށް ކޮންމެ މަހަކު ވެސް ފިޔާ އެތެރެކުރުމަށް ނިންމާފައެވެ.
" އަޅުގަނޑުމެން އާންމުކޮށް ރޯދަމަހަށް ގެންނަ އަލުވި ފިޔާ ބިސް ފަދަ ބާވަތްތައް މިހާރުވެސް ވަނީ އޯޑަރުކުރެވިފަ. ރޯދައަށް އަޅުގަނޑުމެން ކުރި އޯޑަރުތައް އެއީ. އެހެންނަމަވެސް އަޅުގަނޑުމެން ވާނީ މި އޯޑަރުތައް ތަންކޮޅެއް ކުރިއަށްޖައްސާލާފަ. އެހެންވީމަ، ރޯދައަށް ކުރި އޯޑަރުތައް އަވަހަށް އަންނާނެ. ފިޔާ އަޅުގަނޑުމެންގެ އަތުގައި މިހާރު އެބަހުރި. ދެން އަޅުގަނޑުމެން މިހާރު ވަނީ ނިންމާފަ މިދޭތެރެއިން ފިޔާ އަގުބޮޑުވުމާއެކު އަހަރުގެ ހުރިހާ މަހެއްގައި ވެސް ފިޔާ އިމްޕޯޓުކުރަން. " ޢަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން މިހާރު ވަނީ ރޯދައިގެ ކުރިން ފިޔާ އަލުވި އަދި ބިހުގެ 3 ޝިޕްމަންޓް ގެނައުން އަވަސްކުރުމަށް ނިންމާފައެވެ. ޢަމްރު ވިދާޅުވީ އެސްޓީއޯއިން ދުރާލާ ޝިޕްމަންޓްތައް ގެންނައިރު ބައެއް ބާވަތްތައް އިސްރާފުވެ އުކާލަންޖެހޭ ގޮތް މެދުވެރިވާތީ އެކަމަށްވެސް ވިސްނާނެ ކަމަށެވެ.
އަދި އެކުންފުނިން މަސައްކަތްކުރަމުން ދަނީ ތަކެތީގެ އަގު ކޮންޓްރޯލްކޮށް ރައްޔިތުންނަށް ދަތިނުވާނެގޮތަކަށް ހެދުމަށްކަމަށް ޢަމްރު ވިދާޅުވިއެވެ.
"އަލުއްވާ ބިހާ ފިޔާ ގެންނައިރު މާކުރިން ގެނެއްސިއްޔާ ހަލާކުވާނެ. އާންމުކޮށް އަޅުގަނޑުމެން މި ގެންނަނީ ރޯދަމަހާއި ދިމާކޮށް އެންމެ ޝިޕްމަންޓެއް. ރޯދައިގެ ކުރިން އަޅުގަނޑުމެން މިގެންނަނީ 3 ޝިޕްމަންޓް. ރޯދަމަސް ނިމޭއިރު ވަރަށް ގިނަ ބާވަތްތައް އުކާލަންވެސް ޖެހޭ. އެހެންނަމަވެސް އަޅުގަނޑުމެން މި މަސައްކަތްކުރަނީ ފައިދާއަކަށް ނޫން. މިއީ ރައްޔިތުންނަށް އަޅުގަނޑުމެންކޮށްދެ ޚިދުމަތެއް." ޢަމްރު ވިދާޅުވިއެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯ އާއި އިކޮނޮމިކް މިނިސްޓްރީން ވަނީ 51 ބާވަތެއްގެ އަގު ކޮންޓްރޯލްކުރުމަށް މަޝްވަރާތަކެއް ކޮށްފައެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވަނީ މިއަހަރުގެ ރޯދަމަހު މިރުސް އަގުބޮޑުނުވާނެކަމަށާއި މިކަމަށް ހައްލެއް ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ.