ކުޅިވަރު

ވަރލްޑް ކަޕް ކޮލިފައިންގައި މިމަހު ކުޅެން ހަމަޖެއްސި މެޗުތައް ފީފާއިން ފަސްކޮށްފި

ފީފާ ވަރލްޑް ކަޕް އާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިމަހުގެ ފަހު ކޮޅު ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސްކުރަން ފީފާއިން ނިންމައިފިއެވެ.

ފީފާއާއި އޭއެފްސީން މިގޮތަށް ނިންމީ ދެ އިދާރާގެ އޮފިޝަލުން ބޭއްވި ބައްދަލުވުމަކަށްފަހުއެވެ. ފީފާއިން ބޭނުންވަނީ މިއަހަރުގެ ފަހުކޮޅަށް މެޗުތައް ފަސްކުރުމަށެވެ. މިގޮތުން އާސިއާންގެ ބައެއް ޤައުމުތައް ކޮލިފައިންގައި ކުޅޭ މެޗުތައްވަނީ އަންނަ އޮކްޓޯބަރ މަހަށް ފަސްކޮށްފައެވެ.

ފީފާގެ މި ނިންމުމާއިއެކު އޭއެފްސީގެ އޮފިޝަލުންވަނީ ޔޫއޭއީގައި ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި މެޗުތައް ފަސްކުރަން ބޭނުންވާ ތާރިޚުތައް ފާހަގަކޮށް ފީފާއަށް ހުށަހެޅުމަށްވެސްވަނީ ނިންމާފައެވެ.

ފީފާ އާއި އޭއެފްސީގެ ނިންމުންތަކާއެކު މި މަހު ފީފާ ވަރލްޑް ކަޕް އާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅޭ ދެ މެޗުވެސްވަނީ ފަސްކޮށްފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒް ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެމުން ވިދާޅުވީ މެޗުތައް ފަސްކުރިކަން ފީފާއިން އަންގާފައިވާކަމަށާއި، އެކަމަކު މެޗުތައް އަލުން ކުޅޭނެ ދުވަހެއް އަދި ނުނިންމާކަމަށެވެ.

ފީފާއިން މެޗުތައް ފަސްކޮށްފައި މިވަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި މިމަހުގެ 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް ނިންމާފައިވަނިކޮށެވެ.