ޚަބަރު

ކޯވިޑް-19: ބަންގްލަދޭޝުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި


ކޯވިޑް-19އާ ގުޅިގެން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ބަންގްލަދޭޝުން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައި ވަނީ
ކޯވިޑް-19ގެ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާއިން ފެށިގެން މިމަހުގެ 24ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާކަމަށެވެ.

އޭގެ ތެރޭގައި ބޭރުގެ ހުރިހާ ފަސިންޖަރުންނާއި އެއާލައިން ކްރޫ ހިމެނެއެވެ. ނަމަވެސް މީގެ ތެރޭގައި ދިވެހިން ނުހިމެނެއެވެ. ވައިރަސް ޖެހިފައިތިބި ތިން މީހަކު ބަންގްލަދޭޝުން އިއްޔެ ވަނީ ފެނިފައެވެ.
.
ބަންގްލަދޭޝްގެ އިތުރުން ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކާއި، އިރާނާއި ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ސަރުކާރުން ދަނީ ރާއްޖެއަށް މީހުން އެތެރެވާ ދޮރުތައްކުގެ ސަލާމަތީކަންކަން ވަރުގަދަކޮށް ސަލާމާތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ޔޫރަޕްގެ އެއަރޕޯޓްތަކުގައި ބޭނުންކުރާ ފެންވަރު ރަނގަޅު ތާމަލް ކެމެރާ ބޭނުންކޮށްގެން ދަނީ ސްކްރީން ކުރަމުންނެވެ. އަދި ރާއްޖެއަށް ކުރޫޒްލައިނާތައް އައުންވެސް ވަނީ މަނާކޮށްފައެވެ.