ޚަބަރު

ކޯވިޑް19: މާލޭގައި ދިރިއުޅޭ 6000 ބިދޭސިންނަށް މަޢުލޫމާތު ދީފި


ކޯވިޑް19އަށް ހޭލުންތެރި ކުރުވުމަށް މިހާތަނަށް މާލޭގައި ދިރިއުޅޭ 6000 އަށްވުރެ ގިނަ ބިދޭސީންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަކަމަށް ދިވެހި ރެޑްކްރަސެންޓުން ވިދާޅުވެއްޖެއެވެ.

ކޯވިޑް19އާ ގުޅިގެން އެޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާއާ ޙިއްސާ ކުރައްވާމުން އެޖަމްޢިއްޔާއިން ވިދާޅުވީ ކޯވިޑް19ގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށާ، ވަކިން ޚާއްސަކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެމީހުންނަށް އެނގޭނެ ބަހުރުވައިން މަޢޫލޫމާތު ފޯރުކޮށްދެމުންދާކަމަށެވެ.

ސީދާ ބިދޭސީންނާ ބައްދަލުކޮށް މަޢުލޫމާތު ފޯރުކޯށްދިނުމާއި އޮފީސް ތައް މެދުވެރިކޯށްވެސް މަޢުލޫމާތު ފޯރުކޯށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޖަމްޢިއްޔާއިން ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ އިތުރަށް އަތޮޅުތަކުގައި އުޅޭ މީހުންނަށްވެސް ދަނީ މަޢޫލޫމާތު ފޯރުކޯށްދެމުންނެވެ. މިގޮތުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް، ސާފުތާހިރުކަމާ ގުޅޭގޮތުން ހޭލުންތެރިކޮށް، ބަލިފެތުރުމާ ގުޅޭގޮތުންނާއި ބައްޔާ ގުޅޭގޮތުން މަޢުލޫމަތު ޙިއްސާކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.

ދިވެހި ރެޑްކްރޮސެންޓުގެ ޕްރޮގްރާމް އޮފިސަރ މަޢީދު މުޙައްމަދު ޒާހިރު ވިދާޅުވީ މި ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިހާރު ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. މިގޮތުން މިފަދަ އެހީތައް ބޭނުންވާ ފަރާތްތަކަށް އެކަން އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން މިހާރު އައިސޮލޭޝަންގައި ތިބި ފަރާތަކަށްވެސް "ސައިކޯސޯޝަލް" އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މަޢީދު ވިދާޅުވިއެވެ.

"ބިދޭސިން ގިނައިން އުޅޭ ކުންފުނިތަކުގެ ބިދޭސީންނަށް އިންފޮމޭޝަންތައް ސެޝަންތައް ބާއްވަމުން މިދާނީ. ރައްޔިތުންނަށް އެހީވުމަށް ނުކުންނަށް ދަރުމަވެރިންނަށްވެސް މީގެ ތަމްރީންތައް ދެމުން މިދަނީ. އެހެންމީހުންނާ މުޢާމަލާތްކުރާނެގޮތާއި މިދަނޑިވަޅުގައި މިފަދަ ކަމެއް ކުރާއިރު ވިސްނަންވީ ކަންތައްތައް ކިޔާދެމުންދަނީ." މައިދު ވިދާޅުވިއެވެ.

ރެޑްކްރަސންޓްއިން މިވަގުތު ތިން މަސައްކަތެއް ކުރަމުންދެއެވެ. އެއީ މިދަނޑިވަޅުގައި ސަރުކާރާއެކު މަސައްކަތްކުރާ މިނިވަން ޖަމާއަތެއްގެ ގޮތުގައި ދަޢުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓަސްކް ފޯހުގައި މަސައްކަތް ކުރުމާއި މިކަމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މަޢުލޫމާތު ފޯރުކޮށްށްދިނުމާއި ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ދަނީ ފޯރުކޯށްދެމުންނެވެ.