ޚަބަރު

ކޮމަންވެލްތުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުންދޭނަން - ރައީސް


ކޮމަންވެލްތުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތު ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓއްގައި ވަނީ މެމްބަރު 54 ޤައުމަށް ދުވަހުގެތަޙްނިޔާ ފޮނުވާފައެވެ. އަދި އެތައް ދުވަހަކަށް ފަހު ރާއްޖެއިން ކޮމަންވެލްތާ ގުޅުމުން އެކަމަށް އުފާފާޅުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ކޮމަންވެލްތުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުންދީ އެ މަސައްކަތްކުރުމުގައި ބައިވެރިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައަޅާފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ދެކެއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވެރިކަމާ ހަވާލުވެވަޑައިގެން ވަނީ ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންގޮސްފައިވަނީ ކުޑަ މުއްދަތެއްގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ މެމްބަރު ޤައުމެއްގެ ތާޢީދާއެކު މެމްބަރު ޤައުމަކަށް އަލުން ރާއްޖެވުމެވެ.
މިގޮތުން ތިން އަހަރަށްފަހުން ކޮމަންވެލްތުގެ މައި އިދާރާގައި ދިވެހި ދިދަ އަލުން ނަގާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 6 ވަނަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. ކޮމަންވެލްތުގެ މެންބަރުކަން ލިބުމާއެކު މެންބަރު ޤައުމުތަކުގައި ރާއްޖެއިން ޤާއިމްކޮށްފައިވާ އެމްބަސީތައް ހައިކޮމިޝަނަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކޮމަންވެލްތުގެ މެމްބަރު 40 ޤައުމަކަށް ދިވެހިންނަށް ވިސާއާއިނުލައި މިހާރު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތްވެސް އެޖަމްޢިއްޔާއިން ވަނީ ހަމަޖައްސާފައެވެ. އަދި ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ވެސް ރާއްޖެއަށް މިހާރު ވަނީ ލިބިފައެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.