ޚަބަރު

ފޯކައިދޫގައި ހުރި ކުރެއްދޫ މުވައްޒަފަކު ކަރަންޓީނުކޮށްފި


ށ. ފޯކައިދޫގައި ހުރި ދިވެއްސެއްގެ ގައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އޭނާ ކަރަންޓީނުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މި މިހާ ފަރުކޮޅުފުއްޓަށް ގެނެސް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން އަރިއަތޮޅު ދެކުނުބުރީ އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް ކޯވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއއިން ވިދާޅުވެއެވެ.

މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި މިހާރުވަނީ 2 މީހަކު ޕޮޒިޓިވްވެފައެވެ. މި ބައްޔަށް ޕޮޒިޓްވެފައިވަނީ ކުރެއްދޫ ރިސޯޓްގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ. މި ދެމީހުންގެ ތެރެއިން އެކަކީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދިޔުމަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާއަށް ފަރުވާ ދިން ޑޮކްޓަރެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ އެ އިދާރާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ދެމީހުންނާއި ގުޅުންހުރި ފަރާތްތައް ދެނެގަނެ މި ބަލި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް އަޅަންޖޭހޭ ފިޔަވަޅުތައް އަޅަމުންނެވެ. މި ގޮތުން ކުރެއްދޫން އިން 173 މީހެއްގެ ކޮންޓެކްޓް ރެއިސިން ހެދިފައިވާކަމަށާއި 93 މީހަކު ކޮޓަރިތަކުގައި ކަރަންޓީނުކޮށްފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ އަލާމަތްތައް ހުރިކަމަށް ޝައްކުކުރެވިގެން މިހާތަނަށް 26 މީހެއްގެ ސާމްޕަލްތައް ނަގާފައިވެއެވެ. މީގެތެރެއިން 20 މީހަކު ވަނީ މި ބައްޔަށް ނެގެޓިވްވެފައެވެ. އަދި ދެ މީހެއްގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.