ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމަށް ފުލުހުންނާ އެކު ފެމެލީ އެންޑް ލީގަލް ކްލިނިކުން އެއްބަސްވެއްޖެ


ގެވެށި އަނިޔާ ހުއްޓުވުމަށް ފުލުހުންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެމެލީ އެންޑް ލީގަލް ކްލިނިކުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން، އާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ފެމެލީ އެންޑް ލީގަލް ކްލިނިކުގެ ފަރާތުން ސޮއިކުރެއްވީ އެ ކްލިނިކުގެ ކޯ-ޗެއަރޕާސަން ޙައްވާ ޝަފީއާ ރިޒާއެވެ.

މި އެއްބަސްވުމުގެ ދަށުން، އާއިލީ މައްސަލަތަކުގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ ފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ގެވެށި އަނިޔާއާއި އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް އާއްމުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ދެ ފަރާތް ގުޅިގެން ހިންގުމަށްވެސް ހަމަޖެހިފައިވެއެވެ.