ޚަބަރު

ސަމަރ އައިލެންޑުން ކޯވިޑް-19އަށް ޓެސްޓުކުރި އެންމެން ނެގަޓިވް، ސޭންޑީޒް ބަތަލާ އައިލެންޑުން އެކަކު ޓެސްޓުކުރަނީ


ސަމަރ އައިލެންޑުން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓުކުރި އެންމެން ނެގަޓިވްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ.

އެރިސޯޓުން ކޯވިޑް-19އަށް ޓެސްޓުކޮށްފައިވަނީ 7 މީހެކެވެ. ޓެސްޓް ނަތީޖާ ނެގަޓިވް ވުމާއި ގުޅިގެން މިހާރު ސަމަރ އައިލެންޑަށް އަރާ ފޭބުން މަނާކޮށްފައި އޮތް އޮތުން ދޫކޮށްލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެއިތުރުން އެޗްޕީއޭއިން ވިދާޅުވީ އަރިއަތޮޅު ދެކުނު ބުރީ ސޭންޑީޒް ބަތަލާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތައް ފެނިފައިވާކަމަށެވެ. އެހެންކަމުން އޭނާ އިތުރަށް މޮނީޓަރކޮށް ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ކޯވިޑް-19އަށް ޝައްކުކުރެވޭ މީހަކު ފެނުމާއި ގުޅިގެން ޢަމަލުކުރުމަށް އޮންނަ އުސޫލުގެ ދަށުން މިހާރު އެރަށަށް އަރާފޭބުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި މިހާރުވަނީ 2 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ އިޓަލީއިން ރާއްޖެއައިސް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ 2 މީހުންނެވެ. މިދެމީހުންގެ ފަރާތުން ވައިރަސްގެ ޢަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓުކޮށް ވައިރަސްއަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރުވަނީ ފަރުކޮޅުފުށީގައި އެދެމީހުން އެކަހެރިކޮށްފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ކުރެއްދޫއަށް ގޮސްފައިވާ މީހެއްނަމަ ގޭގައި އަމިއްލައަށް އެކަހެރިވެ އެކަން ކޯވިޑް-19 ހޮޓްލައިނަށް ގުޅައި އެންގުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ރާއްޖެއިން ވައިރަސްފެނުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއާއި ކަމާ ބެހޭ ފަރާތްތަކުން ގެންދަވަނީ މިވަގުތު ހާސްވެ ކަންބޮޑު ވުމުގެ ބަދަލުގައި އަމިއްލަ ރައްކާތެރިކަމާއެކު އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް އިރުޝާދުދެއްވާފައެވެ.