ސިޔާސީ

ބޭރުފަރާތްތަކަށް ބިން މިލްކުވާ ގޮތަށް އިސްލާހެއް ހުށައަޅައިފި


ބިޔަ އިންވެސްޓްކުރާ ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް މިއިސްލާހު ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކުއެވެ. ޤާނޫނު އަސާސީގައި މިހާރު ބުނެފައިވާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކެއް ނުކުރެވޭނެއެވެ. އަދި ބޭރުގެ ފަރާތަކަށް އެއްވެސް ސަރަހައްދެއް ދެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން 99 އަހަރަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުން ބިމެއް ދެވިދާނެކަމަށެވެ. ނަމަވެސް އެފަދަ ފަރާތަކަށް ބިމެއްގެ "މިލްކުވެރިކަމުގެ ހައްގުތައް" ދިނުމަކީ އެ ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލި، އެސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ނުބެލެވޭނެ ސަބަބެއް ނޫން ކަމަށް އެއިސްލާހުގައިވެއެވެ.  އަދި އެފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެއެވެ.

އެއިސްލާހު ގެނައުމުގެ އިތުރުން ގާނޫނު އަސާސީއަށް ބާބެއް އިތުރު ކުރުމަށްވެސް ހިމަނާފައިވެއެވެ. ޝަރުތު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލުކުވެރިކަމުގެ ހައްގު ދޫކުރުމުގެ ނަމުގައި އިތުރުކޮށްފައިވާ ބާބުގައި ބުނެފައިވަނީ، ޝަރުތު ފުރިހަމަވާ ޕްރޮޖެކްޓަކާއި ގުޅިގެން ކޮންމެ މީހަކަށް ވެސް ދިވެހި ސަރުކާރުން ޕްރޮޖެކްޓު ހައްގު ދޫކުރެވިދާނެކަމަށެވެ. އެގޮތުން ދޫކުރެވޭ ބިމުގެ ނިސްބަތް ރާއްޖޭގައި ހުރި އުފެދިފައިވާ ބިމުގެ ދިހަ އިންސައްތައަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އެ ބާބުގައި ބުނެފައިވެއެވެ. މީގެ އިތުރުން ނިހާން ވަނީ، އެބިމެއް ދައުލަތަށް ނެގޭނެ ގޮތްވެސް މިބިލުގައި ހިމަނާފައެވެ.

މިބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވައިފައެވެ. ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަ ނަމަ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތެއް ބޭނުންވާނެއެވެ.