ޚަބަރު

ގެފުޅުގެ "މަޠާފް" ސަރަޙައްދު ޢާއްމުންނަށް ހުޅުވާލައިފި


ރޭ ފަތިސް ނަމާދުން ފެށިގެން ކައުބަތުﷲ ގެފުޅުގެ "މަޠާފް" ސަރަޙައްދު ޢާއްމުންނަށް ހުޅުވާލާފައިވާކަމަށް ސަޢުދީ ޢަރަބިއްޔާއިން ހާމަކޮށްފިއެވެ.

ހަލުވި ކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ކައުބަތުﷲ ގެފުޅުގެ "މަޠާފް" ސަރަޙައްދު ނުވަތަ ގެފުޅުގެ ވަށައިގެން ޠަވާފުކުރުމަށް އޮންނަ ސަރަޙައްދު ސާފުކޮށް، ސެނިޓައިޒް ކުރުމަށް ބަންދުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޠަވާފުކުރުމަށް ޢާއްމުންނަށް ހުޅުވާލާފައިވީ ނަމަވެސް، އުމްރާގެ އަޅުކަން އަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސްތިބި އެހެން ޤައުމުތަކުގެ މީހުންނަށް އެސަރަޙައްދަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ. އެހެންނަނަމަވެސް އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ޙަރަމްފުޅުގެ، މަތީ ފަންގިފިލާތަކުގައި ޠަވާފު ކުރެވޭނެއެވެ.

ކޯވިޑް-19އާ ގުޅިގެން ސަޢުދީ ޢަރަބިއްޔާއިންވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް އެޤައުމަށް އެތެރެވާ އެހެންޤައުމުތަކުގެ ރައްޔިތުންނަށް އެޤައުމަށް އެތެރެވުން އޮތީ މަނާކޮށްފައެވެ. މިފިޔަވަޅު އެޅުމުގެކުރިން އެޤައުމަށް އެތެރެވެފައިވާ ދިވެހި ޢުމްރާވެރިން އަދި ތިބީ އެޤައުމުގައެވެ.