ސިޔާސީ

އެމެރިކާއިން ރާއްޖެއާ ލަންކާއަށް ކަނޑައަޅާ ސަފީރަށް އަތުލްކެޝަޕް


އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަތުލް ކެޝަޕް އައްޔަންކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުށައަޅުއްވައިފިއެވެ. ފޮރިން ސަރވިސް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަތުލް ކެޝަޕް އަކީ އިންޑިއާގެ ޕަންޖާޕް ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އުމުރުން 45 އަހަރުގެ ކެޝަޕް މަތީ ތައުލީމު ހާސިލްކުރެއްވުމަށްފަހު ފޮރިން ސަރވިސް އާ ގުޅިވަޑައިގަތީ 1994 ވަނައަހަރެވެ. އެއަށްފަހު އޭނާވަނީ އެކި ޤައުމުތަކުގައި ހުންނަ އެމެރިކާ އެންބަސީތަކުގެ އިސް މަޤާމުތަށް ފުރުއްވާފައެވެ. އަދި އެމެރިކާގެ ވައިޓް ހައުސްގެ ބައެއް މާޤާމުތަށްވެސް އަތުލް ކެޝަޕްގެ ވަނީ ފުރުއްވާފައެވެ. ރާއްޖެއާ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ހުށައެޅުއްވިއިރު އޭނާ ހުންނެވީ ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެޓްރީ އޮފް ސްޓޭޓްގެ މަޤާމުގައެވެ. އޭނާ އެމްބެސެޑަރ ކަމަށް އައްޔަން ކުރެއްވުމަށް އެމެރިކާގެ ޕާލިމެންޓްގެ ރުހުން ހޯދަންޖެހޭނެއެވެ. އެހެންނަމަވެސް އޭނާ މަޤާމަށް އައްޔަން ކުރުމާމެދު ޕާލިމެންޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.