ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވަކިން ވާދަކުރުމަކީ ކޯލިޝަން އެއްބަސްވުމާއި ޚިލާފް ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޚު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އެމްޑީޕީގެ ޓިކެޓްގައި ރ.އަތޮޅުގެ އެކިރަށްތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެންމެ އެދެވޭގޮތުގައި ތަންފީޒު ކުރެވޭނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިޚާބް އެމްޑިޕީއަށް ކާމިޔާބްކުރުމަށް ކުރާ މަސައްކަތަކީ ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަންގެ މަޤްސަދާއި އެއްވެސް ގޮތަކަށް ޚިލާފްވާނެ ކަމެއްނޫންކަމަށެވެ. އަދި މިއިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ސަރުކާރުން ބޭނުންވާ ގޮތަށް ހިންގުމަށްޓަކައި ލިބޭ ވަރަށްބޮޑު ފުރުސަތެއްކަމަށެވެ. އެހެންކަމުން އެކަންކުރެވޭނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށްކަމަށް ރައީސް ވިދާޅުވިއެވެ.
"އެގިވަޑައިގަންނަވާނެ ތިޔަބޭފުޅުން އަޅުގަނޑު ވެރިކަމަށް ހޮއްވެވީ ކޯލިޝަނެއްގެ ތެރެއިން. އެހެންނަމަވެސް މި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން ބޭނުންނަމަ އެމްޑީޕީއަށް އެބަޖެހޭ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދަދޭން. މިއީކީ އަޅުގަނޑުމެން ވެރިކަމަށް އައުމަށް ވީ އެއްބަސްވުމާއި ފުށޫ އަރާކަމެއްކަމަށް އަޅުގަނޑެއް ނުދެކެން." ރައީސް ވިދާޅުވިއެވެ.
ވެރިކަމަށް އައިރު ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ދިމާލަކަށް ބެލިކަމުގައި ވީނަމަވެސް ޤައުމުގައި ކަންބޮޑުވާންޖެހޭ އެތައްކަމެއް އެބަހުރި ކަމަށެވެ. ރައީސް ވަނީ ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ރަނގަޅު މިސްރާބަކަށް މިއަދު އެދާއިރާދާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުން ޞިއްޚީ ދާއިރާއާއި، ތައުލީމާއި، ޒުވާނުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ސަރުކާރުން ހައްލުތަކެއް ހޯދައި ދެއްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
" ވެރިކަމަށް އައިއިރު ޤައުމަށްހުރި ގޮންޖެހުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ. ޝަރުއީ ދާއިރާ އޮތްހާލު، ބަދަކލުކުރަންޖެހޭ މިންވަރު. ކޮރެޕްޝަނާއި ވައްކަން އޮތް މިވަންރު. މިކަންކަން އަޅުގަނޑުމެންނަށް އޭރުގެ ސަރުކާރުގެ ތެރެއިން ވަނީ ފެނިހާމަވެފަ. ތައުލީމީ ދާއިރާއާއި ސިއްޚީ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އަޅުގަނޑުންވާނީ ގިނަ މަސައްކަތްތަކެއް ކޮށްފަ." ރައީސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުމަކަށްބަލައި ޚަރަދުކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވީނަމަވެސް ދިމާވާ ގޮންޖެހުންތަކާއިއެކުވެސް މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަން ދެއްވާ ކަމެއްމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.