ސިއްހަތު

އައި.ޖީ.އެމް.އެޗްގެ އާއިމާރާތް ނިންމާ 4 ދުވަސްތެރޭ ހަވާލުކުރަނީ


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެގާރަބުރީގެ އާއިމާރާތުގެ މަސައްކަތް ނިމި މިމަހުގެ 25 ވަނަ ދުވަހު އެއިމާރާތާ ހަވާލުވާނެކަމަށް އައި.ޖީ.އެމް  ހޮސްޕިޓަލުގެ ސީ.އީ.އޯ ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ. މާބަނޑު މީހުންގެ ސިއްޙަތާއި ގުޅޭ، އަދި ތުއްތު ކުދިންގެ ފަރުވާއަށް ޚާއްސަކުރެވިފައިވާ، އާއިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ޚިދުމަތްދޭން ފަށާފައިވާއިރު، މިއަހަރުތެރޭގައި މުޅިއިމާރާތް ބޭނުން ކުރެވެން ފެށޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.  ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީ.އީ.އޯ ފަރުހަތު ޝަހީރު ވިދާޅުވީ އެ ހޮސްޕިޓަލުގެ 11 ބުރީގެ އާ އިމާރާތުގެ ކޮންޓްރެކްޓަރ ކަމަށްވާ އަމީން ކޮންސްޓްރަކްޝަނުން އެއިމާރާތުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިންމާފައިވާ ކަމަށާއި، އެ ކުންފުނިން މިހާރު ކުރަމުންދަނީ އިމާރާތް ކުރަން ބޭނުންކުރި ތަކެތި ނެރުމާއި، އިމާރާތުގެ ފަންގިފިލާތައް  ސާފުކުރުމުގެ މަސައްކަތްކަމަށެވެ.ފަރުހަތު ވިދާޅުވީ މިހާރު ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ، އިމާރާތަށް ކަރަންޓް ގުޅުމުގެ މަސައްކަތް ކަމަށާއި، އެމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ވަކި ފޯމަރެއް ބޭނުންކޮށްގެންކަމަށްވާތީ، މިމަހުގެ ސައްބީހުގެ ފަހުން އެމަސައްކަތް ފެށުމަށް ސްޓެލްކޯއާއެކު މަޝްވަރާކޮށް ހަމަޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އާ އިމާރާތަށް ބޭނުންވާ ސާމާނު އޯޑަރުކޮށް ގެނައުމުގެ މަގުމަތީގައި މިހާރުވާކަމަށާއި، އިމާރާތަށް ކަރަންޓް ގުޅުމަށްފަހު މިހާރު ހުރި ވަސީލަތްތަކާއެކު މަޑުމަޑުން އާ އިމާރާތަށް ޚިދުމަތް ބަދަލުވެގެންދާނެކަމަށެވެ."އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މިހާރު އެތަން ނިންމުމަށްޓަކައި މިއޮތީ ކަރަންޓް ގުޅުމުގެ މަސައްކަތް. އެހެންވީމަ އަޅުގަނޑުމެން އުންމީދުކުރަނީ، މިމަހުގެ 25 ގައި އެތަން ހަވާލުކުރުމަށްފަހު ދެން އަޅުގަނޑުމެން ދާން ޖެހޭނީ ޑީޕް ކްލީންއަކަށް. ސާފްކުރުމަށްފަހު ކަރަންޓް ގުޅާ ދެން އެތަނަށް މަޑުމަޑުން ޚިދުމަތްތައް ބަދަލްކުރާނީ" ޝަހީރު ވިދާޅުވިއެވެ.އިމާރާތަށް ޚިދުމަތްތައް މުޅީން ބަދަލްވެގެންދާއިރު، ޚިދުމަތަށް ބޭނުންވާ ވަރަށް ޑޮކްޓަރުން ތިބިނަމަވެސް ދިވެހި ނަރުކުން ލިބުމުގައި ދަތިތަކެއް ހުރިކަން ސީ.އީ.އޯ ފާހަގަކުރެއްވި." ނަރުހުން ރެކްރޫޓް ކުރަމުން މިހާރުވެސް މިގެންދަނީ، އަޅުގަންޑުމެންނަށް ހަގީގަތުގައި ދިވެހި ނަރުހުން ލިބެންވާ އަދަދަށް ނުލިބިގެންމިދަނީ. އެހެންވީމަ ބޭރުން ރެކްރޫޓްކޮށްގެން ނަމަވެސް ދިވެހިން ނުލިބޭތަނަށް ބޭރު ނަރުހުން ހޯދައިގެންވެސް ނަރުހުންގެ ބައި އަޅުގަނޑުމެން ހަމަޖައްސާނަން" ޝަހީރުވިދާޅުވިއެވެ.އައި.ޖީ.އެމް ހޮސްޕިޓަލްގެ އާއިމާރާތުގައި 7 ވިއްސާ ކޮޓަރިއާއި، 2 އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން އިމަޖެންސީ އެއް އޮޕަރޭޝަން ތިއޭޓަރާއި 28 އެނދުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް ނުވަތަ ތުއްތުކުދިންގެ އައި.ސީ.ޔޫއެއް ހިމެނެއެވެ. ޕްރައިވެޓް ރޫމްތަކާއި ވިހެއުމުގެ ކުރީން އަދި ފަހުންވެސް މައިން ބައިތިއްބާ ވޯޑްތައްވެސް މިއިމާރާތުގައިވަނީ ތައްޔާރުކޮށްފައެވެ.1995 ވަނަ އަހަރު ޚިދުމަތްދޭން ފެށި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އާއިމާރާތުގެ މަސައްކަތް ނިމި މިއަހަރުތެރޭ ބޭނުންކުރެވެން ފެށުމުން، ހުސްވާ ޖާގަ ބޭނުންކޮށްގެން އެ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމްތައް އިތުރުކޮށް  އިމަޖެންސީއާއި، އައި.ސީ.ޔޫގެ ޖާގަ ބޮޑުކޮށް އާންމުނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.