ޚަބަރު

މިނިމަމް ވޭޖާއިއެކު ދަޢުލަތުގެ ބަޖެޓަށް 3.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭނެ: ފައްޔާޟު


މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒްކުރަން ފަށައިފިނަމަ ދަޢުލަތުގެ ބަޖެޓަށް 3.8 ބިލިއަން ރުފިޔާ އިތުރުކުރަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިމަމް ވޭޖާއި މެދު އައްމުންނާއި، އަމިއްލަ ވިޔަފާރިވެރިންގެ ޚިޔާލުހޯދުމަށް ރައްޔިތުންގެ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިިނިސްޓަރ ފައްޔާޟު ވިދާޅުވީ އަވަސް އަރުވާލައިގެން މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ބަދަލުގައި ބޭނުންވަނީ އާއްމުނާއި ވިޔަފާރިވެެރިންގެ ޚިޔާލު ހޯދާއި، އިޤްތިޞާދަށް މިކަމުގެ ބަދަލުގެ އަސަރު ނުފޯރާނެގޮތަށް މިނިމަމް ވޭޖް ކަނޑައެޅުންކަމަށެވެ. ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް މިކަމުން ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި، މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ އަސަރު އާއްމުންނަށް ލިބޭ ވަޒީފާގެ ފުރުސަތުތަކުގެ އަދަދުން ފެންނާނެކަމަށް މިނިސްޓަރ ފައްޔާޟު ވަނީ ވިދާޅުވެފައެވެ. ވިސްނުމަކީ ވަޒީފާތައް ނުގެއްލި އަދި ވިޔަފާރިތައް ހަލާކުނުވެ ބަދަލުތައް އަންނަތަން ފެނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދަޢުލަތުގެ ބަޖެޓުގެ 1.5ބިލިއަން ރުފިޔާ ސީދާ މިކަމާއި ގުޅިފައިވަނީ. އަދި މުޅި ރާއްޖޭގެ ސިނާއަތަށް އަންނާނެ ބަދަލާއިއެކު ޖުމްލަ 3.8ބިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރަންޖެހޭނެ. ދެން ޖެހޭނީ ޕީއެސްއައިޕީން ނަގަން. މިބުނީ އެއްވެސް މަޝްރުޢޫއެއް ހުއްޓާލާ ވާހަކައެއްނޫން. ނޫނީ ޖެހޭނީ ޓެކްސް އިތުރުކުރަން. އެހެންވީމާއި މިކަމުގެ ނޭދެވޭ އަސަރެއް ނާންނަގޮތަށް ކަންކަން ކުރަން މި މަޝްވަރާކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިމަމް ވޭޖުގެ މަސައްކަތުގައި މަޖިލީހުގެ ލަފަޔަކަށް ހުށައެޅީވެސް، މި މަސައްކަތުގައި ރައްޔިތުމީހާ ތަމްސީލްކުރާ ފަރާތްތަކުގެ ޚިޔާލު ގާތުން ހޯދުމަށް ކަމަށެވެ. މިއީ ރަށްރަށުގައި ތިބި ކުދި ވިޔަފާރިތަކާއި، އަދި ރިޒޯޓުތަކުގައި ތިބި މުޢައްޒަފުންގެ ޚިޔާލުތައްވެސް މިކަމަށް ލިބިގެންދާނެ ގޮތްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި އެންމެ ބޮޑު ޢަމާޒެއް ހުރީވެސް ކުދި ވިޔަފާރިތަކާއި، މެންދުފަންތީގެ ވިޔަފާރިތަކަށް މީގެން ކުރާ އަސަރު ކުޑަކުރުންކަމަށެވެ.

"އަޅުގަނޑަށްވެސް ރަނގަޅީ ވޭޖްތައް ކެޓަގަރީތަކަކަށް ބެހިގެން ދިއުން. ކުދި ވިޔަފާރި، މެދުފަންތީގެ ވިޔަފާރި، އަދި ރިސޯޓް އިންޑަސްޓްރީވެސް ތަފާތުކުރަން ފެނޭ." މިނިސްޓަ ވިދާޅުވިއެވެ.

މިނިސްޓަރވަނީ މި މަސައްކަތް ކުރީގެ ސަރުކާރުތަކުން ކުރަން ފަށާފައި ނުވާތީ އެކަން ކުއްވެރިކުރައްވާކަމުގައިވެސް ވިދާޅުވެފައެވެ. މިނިސްޓަރ ފައްޔާޟު ވަނީ މި ނިމުނު ފެބްރުއަރީގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅުއްވާނެކަމަށް މީގެކުރިން ވިދާޅުވެފައެވެ.