ދުނިޔެ

ސްޕެއިންގެ ހޮޓަލެއްގައި އެކަހެރިކޮށްފައިތިބި މީހުން ބޭރަށް ނުކުތުމުގެ ހުއްދަދީފި


ކޯވިޑް-19ގެ ބިރަށް ސްޕެއިންގެ ތެނަރީފުގެ ހޮޓަލެއްގައި ކަރަންޓީނުކޮށްފައިތިބި މީހުން ކަރަންޓީނުކުރިތާ އަށް ދުވަސްފަހުން ހޮޓަލުން ބޭރަށް ދިއުމުގެ ޚުއްދަދީފިއެވެ.

އެހޮޓަލުގައި ހުރި އިޓަލީވިލާތުގެ ޑޮކްޓަރެއްގެ ގައިން ނުރައްކާތެރި ކޯވިޑް-19 ފެނުމުން 700އަށްވުރެގިނަ މީހުންނާއެކު ވަދެނިކުމެ ނޫޅެވޭ ގޮތަށް އެހޮޓާވަނީ ބަންދުކޮށްފައެވެ. ނަމަވެސް ހޮޓަލުން މީހުން ނުކުތުމުގެ ހުއްދަދިނުމުން މިހާތަނަށް 193 މީހުންވަނީ ހޮޓާ ދޫކޮށް ގޮސްފައެވެ.

ސްޕެއިންގެ ޞިއްޙަތާބެހޭ އިދާރާތަކުންވަނީ ހޮޓަލުގައި ތިބި ހަ މީހުންގެ ގައިން ވައިރަސް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. މީގެ ކުރިން އެއިދާރާތަކުންވަނީ ވައިރަހަށް ޓެސްޓުކޮށް ހަށިގަނޑުގައި އޭގެ އަސަރުނެތްކަން ޔަޤީންވާ މީހުން ހޮޓާ ދޫކޮށް ދެވޭނެކަމަށް ބުނެފައެވެ.

ސްޕޭނުންވަނީ ކޯވިޑް-19 ޖެހިފައިވާ 165 މީހުން ފެނިފައެވެ. ވައިރަސް ޖެހިގެން އެޤައުމުން މަރުވީ އެންމެ މީހެކެވެ.