ދުނިޔެ

ޗައިނާގައި ކޯވިޑް-19 ޖެހޭ މީހުންގެ މިންވަރު މަދުވެ، ބަލި ފެތުރޭ ދުވެލި މަޑުވެއްޖެ


ޗައިނާގައި ކޯވިޑް-19 ޖެހޭ މީހުންގެ މިންވަރު މަދުވެ، ބަލި ފެތުރޭ ދުވެލި މަޑުވެއްޖެއެވެ.

ފާއިތުވި ސައްވީސް ގަޑިއިރުގެ ތެރޭގައި ޗައިނާގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި ހޫބެއި ޕްރޮވިންސުގެ ބޭރުން އެޤައުމުގައި އަލަށް ވައިރަސް ފެނިފައިވަނީ އެންމެ އެގާރަ މީހުންގެ ގައިންނެވެ. އަދި ބަލިން ސަލާމަތްވާ މީހުންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން ޗައިނާގެ އެކި ސަރަޙައްދުތަކުން ދެހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުންވަނީ ބަލިން ސަލަމަތްވެ ހަސްފަތާލުތަކުން ދޫކޮށްލާފައެވެ. އަދި ޙާލުދެރަ ބަލިމީހުންގެ ޢަދަދުވެސްވަނީ ދަށްވެފައެވެ. ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ އެކި ޤައުމުތަކުންވަނީ ތަޢުރީފުކޮށްފައެވެ. އަދި ޗައިނާއިން ކޮށްފައިވާ ތަޖުރިބާއިން ފިލާވަޅު ލިބިގަންނަންޖެހޭކަމަށް ގިނަ ޤައުމުތަކުން ޤަބޫލުކުރެއެވެ.

އެގޮތުން ދިރާސާތަކުން ހޯދާފައިވާ ހޯދުންތަކުގެ މުހިންމުކަން އެޤައުމުތަކުންދަނީ ފާހަގަކުރަމުންނެވެ. އަދި ވައިރަހާ ގުޅޭގޮތުން ޗައިނާ ސަރުކާރުން މަޢުލޫމާތު ފޯރުކޮށްދެމުންދާ ގޮތާމެދުވެސް ގިނަ ޤައުމުތަކުންވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ޗައިނާގެ ވިޔަފާރިތަކާއި ކާރުޚާނާތައް ގިނަ ދުވަސްތަކެއްވަންދެން ބަންދުކޮށްފައި އޮތުމަށްފަހު މިހާރުދަނީ މަޑުމަޑުން ހުޅުވަމުންނެވެ. އަދި މުވައްޒަފުން އަލުން އަނބުރާ މަސައްކަތަށް ނުކުންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.