ދުނިޔެ

ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 93،000އަށްވުރެ އިތުރުވެއްޖެ


ނުރައްކާތެރި ކޮރޯނާވައިރަސް ކޯވިޑް-19 ނުވަދިހަ ތިންހާހަށްވުރެ ގިނަ މީހުނަށް ޖެހި، ތިންހާސް ދުއިސައްތައަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ބަލި ފެތުރޭ މިންވަރު މިހާރުދަނީ މަޑުޖެހެމުންނެވެ. ނަމަވެސް ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އަދި މަޑުޖެއްސެން ނެތްކަމަށް އެޤައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޗައިނާއިން ވައިރަހުގެ އަސަރު ކޮށްފައިވާ އަށްޑިހަ ހާހަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. އޭގެ ތެރެއިން 2980އަށްވުރެ ގިނަ މީހުންވަނީ ބަލީގައި މަރުވެފައެވެ. އަދި މި ވައިރަސް ޖެހުނު 49000ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. ނަމަވެސް ކޯވިޑް-19ދަނީ ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް ހަލުވިކަމާއެކު ފެތުރެމުންނެވެ.

ޗައިނާ ފިޔަވާ އެންމެ ބޮޑަށް ޙާލަތު ގޯސްވެފައިވަނީ ދެކުނު ކޮރެޔާއާއި އިޓަލީވިލާތާއި އީރާނާއި ޖަޕާނުގައެވެ. ދެކުނު ކޮރެޔާގައި ވައިރަސް ޖެހިފައިވާ 5300އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. ދެކުނު ކޮރެޔާގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 33ކަށް އިތުރުވެފައެވެ.

އިޓަލީވިލާތުގައި ވައިރަސްޖެހިފައިވާ މީހުންގެ ޢަދަދުވަނީ 2500އަށްވުރެ އިތުރުވެފައެވެ. އަދި 79 މީހުންވަނީ ވައިރަހުގެ ސަބަބުން މަރުވެފައެވެ.
މެދުއިރުމަތީގައި އެންމެ ބޮޑަށް ކޯވިޑް-19 ފެތުރެމުންދާ އީރާނުން ވައިރަސް ޖެހިފައިވާ ދެހާސް ތިންސަތޭކަ ތިރީހަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ.
އަދި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ވަނީ 77ކަށް އިތުރުވެފައެވެ.

އީރާނުގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ވައިރަސް ފެނިފައިވާ ސަރަޙައްދުތަކުގެ މަދަރުސާތައްވަނީ ބަންދުކޮށްފައެވެ.

ޖަޕާނުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 300އާ ގާތްކުރެއެވެ. އަދި ޔޮކޮހާމާ ސިޓީގައި ކަރަންޓީނުކޮށްފައި އޮތް ޑައިމަންޑް ޕްރިންސަސް ކުރޫޒްލައިނާއިން ވައިރަސް ޖެހިފައިވާ ހަތްސަތޭކައަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ.