ޚަބަރު

ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފި


އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރު ވަގުތު ދޫކުރުމުގައި، އެކަމާއި ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ބްރޮޑްކާސްޓިންގް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

2 ފެބްރުވަރީ 2020 ގައި ގެޒެޓްކޮށްފައިވާ "އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުސޫލު" ގެ 2 ވަނަ މާއްދާ (ބ) ގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ޚާއްޞަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރު އިޢުލާނުކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި ހަމަ އެ އުސޫލުގެ 7 ވަނަ މާއްދާގައި، މި މައުލޫމާތު އެ މުއްދަތުގެ ތެރޭގައި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން، މި އުސޫލުގެ ދަށުން ބްރޯޑްކާސްޓަރު ޚާއްޞަކުރި ވަގުތު ދީ ނުވަތަ ވިއްކި ގޮތުގެ ތަފުސީލު ހިމެނޭ ފުރިހަމަ ރިޕޯޓެއް، މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުން، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

ބްރޯޑްކޮމްއިން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް 4 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުމަށް ހަމަޖެހިފައި ވާތީ، ހުރިހާ ބްރޯޑްކާސްޓަރުން ވެސް މި ކަމަށް ސަމާލުކަން ދެއްވައި، އުޞޫލުގައި ބަޔާންކުރާ އެންމެހައި މައުލޫމާތު ކަނޑައަޅާފައިވާ މުއްދަތުގައި ހުށަހެޅުމަށް އިލްތިމާސްކޮށް ހަނދާންކޮށްދީފައެވެ.