ވިޔަފާރި

ބަދަލުގެ ގޮތުގައި މިދިޔަ އަހަރު އެލައިޑްއިން 142 މިލިއަން ރުފިޔާ ދޫކޮށްފި


މިދިޔަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަސްޓަމަރުންނަށް 142 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ބުނެފިއެވެ.

އެލައިޑް އިންޝުއަރެންސަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތްދެމުން އަންނަ ކުންފުންޏެވެ. މިދިޔަ އަހަރު ގެއްލުމުގެ ބަދަލުގައި ސަތޭކަ ސާޅީސް ދެ މިލިއަން ތިންސަތޭކަ ތިރީސް އެއްހާސް ރުފިޔާ އެލައިޑުން ދޫކޮށްފައިވާއިރު މީގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އަލިފާނުގެ ހާދިޘާތަކުގައި ލިބޭ ގެއްލުން ފޫބެއްދުމަށާއި ސިއްޚީ ފަރުވާއަށްކަމަށް އެލައިޑުން ބުނެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި އަލިފާނުގެ ގިނަ ހާދިޘާތައް ހިނގިއިރު އެލައިޑުން ވަނީ އެކުންފުނި މެދުވެރިކޮށް އިންޝުއަރެންސް ހަދާފައި ތިބި ހުރިހާ ފަރާތަކަށް ބަދަލުދީފައެވެ.

އެލައިޑުން ދަނީ އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ޚާއްސަކޮށްގެން އިންޝުއަރެންސްގެ ގިނަ ޚިދުމަތްތައް ދެމުންނެވެ. މީގެ ތެރޭގައި ގެދޮރާއި އުޅަނދުފަހަރާއި، މުދަލުގެ އިތުރުން ހައްޖާއި އުމްރާއަށް ހާއްސަ އިންޝުއަރަންސް ސްކީމްތައް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭ ގެއްލުމާއި، ކުއްލި ހާލަތެއްގައި މީހަކު މަރުވެއްޖެނަމަ އެފަރާތެއްގެ އާއިލާއަށް އެހީތެރިވެދިނުމަށް ހާއްސަ ސްކީމްތައް ވެސް އެލައިޑުންދަނީ ފޯރުކޮށްދެމުންނެވެ.

ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށް އެލައިޑުންދޭ އިންޝުއަރަންސް ޚިދުމަތުގެ ތެރޭގައި ވިޔަފާރި މުދަލާއި، އޮފިސް ފަދަ ތަންތަނަށް ޚާއްސަ ސްކީމްތައް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން އަލިފާނާއި ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ރިސޯޓު ހޮޓާތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ޚާއްސަ އިންޝުއަރަންސް ސްކީމްތަކާއި، ވައްކަމުގެ މައްސަލަތަކާހުރެ ވިޔަފާރި އަދި ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެލައިޑުން ތަޢާރަފްކޮށްފައިވާ ޚާއްސަ އިންޝުއަރެންސް ސްކީމްތައް ފާހަގަކޮށްލެވެއެވެ.