ކޯވިޑް-19ގެ ސާމްޕަލް ތަހުލީލު ކުރަނީ ޑަބްލިޔު.އެޗް.އޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައި އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ އެހޮސްޕިޓަލުގެ ލެބޯޓަރީއަށް ތަހުލީލު ކުރުމަށް ގެނެވޭ ސާމްޕަލްތަކަކީ، ކޮންމެ ވައްތަރެއްގެ ސާމްޕަލްތަކެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލް ތަކާއި މެދު ދެކެވޭނީ އަދި ޢަމަލު ކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އަދި ނުރައްކާތެރި، ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަހުލީލު ކުރިނަމަވެސް އެސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައިވެސް ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސަލާމަތީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ހޮސްޕިޓަލުގެ ލެބޯޓަރީގައިވެސް، ޑަބްލިޔު.އެޗް.އޯ ގެ މިންގަނޑުތަކާއި ސްޓޭންޑަރޑް ޕްރެކްޓިސް އާއި ޕްރޮޓޮކޯލް ތަކާއި އެއްގޮތަށް އެޅިފައި ހުންނާނެ ކަމަށެވެ.
މިގޮތުން ކޮވިޑް 9 ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައިވެސް އެ ހޮސްޕިޓަލުން ޢަމަލުކުރަމުންދަނީ ޑަބްލިއު.އެޗް.އޯ އާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް އެކަށައަޅާފައިވާ ޚާއްޞަ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއާ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެން.އޭ.ބީ.އެލް)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމުގައިވެސް އައިޖީއެމް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
އަދި ހޮސްޕިޓަލުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް ޚާއްޞަ ސަމާލުކަމެއްދޭ ކަމުގައިވެސް އައިޖީއެމްއެޗުން ވަނީ ވިދާޅުވެފައެވެ.