ޚަބަރު

ކޯވިޑް-19އިން ރައްކާތެރިވުމަށް މިކަންކަމަށް ސަމާލުވޭ!


ކޯވިޑް 19ގެ ނުރައްކާ ބޮޑުވެ މުޅި ދުނިޔެއަށް މި ބަލި ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުން ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުންނާއި ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ.

ކޯވިޑް 19އަކީ މިހާތަނަށް ވަކި ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާއިރު މި ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުންނާ މުއައްސަސާތަކުން މުހިންމު މަސައްކަތްތަކެއް ކުރަން މި ވަނީ ޖެހިފައެވެ. ކޯވިޑް 19އަކީ، އާންމު ރޯގާތަކާއި އެއް އަލާމާތްތަކެއް ފެންނަ ބައްޔަކަށް ވާއިރު، މިކަމުން ރައްކާތެރިވުމަށްވެސް އަޅަންޖެހެނީ މިފަދަ ބަލިތަކުން އަޅަންޖެހޭ ފިޔަވަޅުތަކެވެ. އޭގެތެރޭގައި އާންމު ސާފުތާހިރުކަމާއި އުޅޭ މާޙައުލު ސާފުތާހިރުކަމުގެ މިންގަނޑު ހިފަހައްޓަން ޖެހެއެވެ. އަދި ވަކިން ޚާއްސަކޮށް މަގުމައްޗަށާ އާންމު ތަންތަނަށް ކުޅު ނުޖެހުމަށް ސަމާލުކަން ދޭންޖެހެއެވެ. މީގެ އިތުރުން އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނިދުއުމަށް އާދަކުރަންޖެހޭއިރު، ކެއްސާ ރޯގާ ޖެހިފަ ވާނަމަ ގޭގަ މަޑުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. އަދި ކެއްސާ ކިނބިހި އަޅާ އިރު އަނގަމަތި ނިވާކުރުމަށް ޙާއްސަ އިސްކަމެއް ދޭންޖެހެއެވެ.

މިފަދަ ބަލިމަޑުކަމެއް އުޅޭއިރު ލޮލާއި ނޭފަތް، އަނގަ ހިމެނޭ ހިސާބުގަ އަތްލުން މަދުކުރުމަށް ތަޖުރިބާކަރުން ލަފާދޭއިރު، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އިސްކަމްދޭންޖެހެއެވެ. އޮފީސްތަކާއި އެއަރޕޯޓްތަކަކީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ތަންތަން ކަމުގައި ވާއިރު، މިތަންތަނުގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަންޖެހެއެވެ. އެގޮތުން އެއާރލައިންތަކާއި، އޮފީސްތަކުގައި ހޭންޑް ސެނިޓައިޒާ އަދި ފަސޭހައިން އަތްދޮވޭވޭނެ ގޮތްހެދުން މުހިންމެވެ. އަދި ހަމަމިއާއެކު ސިޑި އަތްގަނޑުގަ އަތް ނުލުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ދުންފަތުގެއިސްތިއުމާލުކުރުމަކީ، މީހާގެ ދިފާޢީ ނިޒާމު ބަލިކަށިކޮށްލާކަމަކަށް ވައިރު، މިފަދަ ވައިރަހަކުން ސަލާމަތްވުމަށް ދުންފަތުގެއިސްތިއުމާލު ކުރުން ހުއްޓާލުމަށްވެސް ތަޖުރިބާކާރުން ލަފާދެއެވެ.