އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް އެދި އިކޮނަމިކް މިނިސްޓްރީން ފޮނުވާފައިވާ ރިޕޯޓާއި މެދު މި މަހުގެ އެގާރަވަނަ ދުވަހުގެ ކުރިން ގޮތެއް ކަނޑައެޅުމަށް ރައްޔިތުން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ނިންމައިފިއެވެ.
މިދިޔަ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާ ނިންމާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެ މިނިސްޓްރީން އެކުލަވާލި ރިޕޯޓްވަނީ ލަފަޔަކަށް އެދި މަޖިލީހަށް ފޮނުވާފައެވެ. މިނިމަމް ވޭޖް ކަނޑައެޅޭނީ މަޖިލީހުގެ ލަފާ ލިބުމުން އަދި ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ކަމަށް މިނިސްޓަރ ފައްޔާޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 11 ވަނަދުވަހުގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ނިންމަން ކޮމެޓީން ނިންމީ ކޮމެޓީގެ މިއަދުގެ ބައްދަލވުމުގައެވެ. މިނިމަމް ވޭޖްގެ ރިޕޯޓްވީ އެންމެ އަވަހަކަށް ނިންމުމަށް ކޮމެޓީއަށް ހުށައެޅުއްވީ އިސްމާޢީލް އަޙްމަދުއެވެ. މި ހުށައެޅުމާއި އެކު އެރިޕޯޓް މިމަހުގެ އެގާރަ ވަނަދުވަހު ނިންމަން ފާސްވީ ކޮމެޓީގައި ބައްދަލުވުމުގައި ބައިވެރިވި ފަސްމެބްރަުންގެ ތާއީދާއެކުއެވެ. މި މައްސަލާގައި ކޮމެޓީން ގޮތެއް ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވެޑައިގެންނެވި މެމްބަރުންގެ ވޯޓް ހަމަހަމަވުމުން ކޮމެޓީގެ މުގައްރިރުގެ ވޯޓާއިއެކުއެވެ.
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ ގޮތުގައި މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ޢަދަދެއް ކަނޑައަޅާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ވަނީ ވިދާޅުވެފައެވެ. އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާ ގުޅޭގޮތުން އެކުލަވާލައި މަޖިލީހަށް ފޮނުވި ރިޕޯޓު އިޤްތިސާދީ ކޮމިޓީން ދިރާސާކޮށް، ކަމުގެ ތަޖްރިބާކާރުންގެ ލަފަޔާއި މަޝްވަރާ ހޯއްދަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިނިސްޓަރު އެދިފައިވަނީ މަޖިލީހުގެ ލަފަޔަކަށް. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރުވަނީ ކަމާއި ގުޅޭ ބޯޑުގެ ލަފާ ހޯއްދަވާފައި. އެބޯޑުގެ ރިޕޯޓު މިނިސްޓަރު މި މަޖިލީހަށް ފޮނުވީ އަޅުގަނޑުމެން އެރިޕޯޓާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، މިނިސްޓަރަށް އަދަދެއް އެރުވުން އަޅުގަނޑަށް ފެންނަގޮތުގައި މިހާރު މިކަމުގައި ކުރަން އޮތްކަމަކީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްތައްކުރި ބޯޑުން މިނިސްޓަރަށް ލަފާއަރުވާފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި ހަހާސް ހަތަރު ސަތޭކަ ރުފިޔާ ހަމަޖެއްސުމަށްކަމަށް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މިނިމަމްވޭޖް ކަނޑައެޅުމުގައި ހަ ދާއިރާއެއްވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ ޓޫރިޒަމްގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމާއި، ތައުލީމީ ދާއިރާއާއި، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއެވެ.