ޚަބަރު

8 ރަށެއްގެ ސިއްޙީމަރުކަޒުތަކާއި ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލައިފި


8 ރަށެއްގެ ސިއްޙިމަރުކަޒުތަކާއި ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު 2 ހޮސްޕިޓަލައި 6 ސިއްޙީމަރުކަޒު އަޕްގްރޭޑްކޮށް ވަނީ ނިންމާލާފައެވެ.

އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ސިއްޙީ މާރުކަޒުތަކުގެ ވަށާފާރު ރޭނުމައި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުން ނުލިބޭ ޚިދުމަތްތައް ދިނުން ހިމެނެއެވެ. މީގެ އިތުރުން މިހާރުވެސް ދެ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމާއި ހުޅުމާލެ ހޮސްޕިޓަލް ނޭޝަނަލް އެމްބިއުލޭޓްރީ ސަރވިސް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނިމިފައިވާ މަޝްރޫޢުތައް:
-ތ.ވޭމަންޑޫ ހޮސްޕިޓަލް އަޕްގްރޭޑްކުރުން
-ކ ދިއްފުށި ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް،ލެބޯޓަރީ ތަރައްޤީކުރުން
-ލ އިސްދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން
-ފ ބިލެތްދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުން
-ހދ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން
-ގދ ނަޑެއްލާ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ ޤާއިމްކުރުން
-ސ ހުޅުދޫ ސިއްޙީމަރުކަޒު އަޕްގްރޭޑްކުުރުން
- ޏ ފުވައްމުލަށް ސިޓީ ހޮސްޕިޓަލް އަޕްގްރޭޑްކުރުން.

ހިނގަމުންދާ މަޝްރޫޢުތައް:
- ގދ މަޑަވެލި ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ،ލެބޯތަރީ ތަރައްޤިކުރުން
-ތ ވިލުފުށި ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން
- ހުޅުމާލެ ހޮސްޕިޓަލް ނޭޝަނަލް އެމްބއިުލޭޓްއީ ސަރވިސް ޤާއިމްކުރުން

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ހެލްތް މިނިސްޓްރީން 61 މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމާއި ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ވަނީ ހިމަނާފައެވެ. އަދި ސިއްހީމަރުކަޒުތަކުގައި ލެބޯޓްރީތައް ޤާއިމްކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މީގެ ބައެއް މަޝްރޫޢުތައް ހިންގުމަށް މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު ދާދިފަހުން ވަނީ ހޮސްޕީޓަލްތަކާއި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ކައުންސިލްތަކާ ވަނީ ހަވާލުކޮށްފައެވެ. މިގޮތުން މިފަދަ 20 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ހެލްތް މިނިސްޓްރީން ވަނީ ތިން އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގެ ތެރޭގައި ހިމަނައިގެން 55 އެނދުގެ އައު ހޮސްޕިޓަލްތައް އެޅުމަށް ނިންމާ އޭގެ ކުރެހުންތައް ދައްކާލާފައެވެ.