ޚަބަރު

ގޭސްފުޅިއެއް ގޮވައިގެން ހިނގި ހާދިސާގައި ބިދޭސީއަކު ފިހިގެން ފަރުވާދެނީ


މިއަދު ހެނދުނު ގޭސްފުޅިއެއް ގޮވައިގެން ހިނގި ހާދިސާގައި ބިދޭސީއަކު ފިހިގެން ފަރުވާދޭން ފަށައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި ފަރުވާދެމުންދަނީ، ގޭސްފުޅި ގޮވި ހާދިސާ ހިނގި ބިގްމަން އެންޑް ކޯރ ކެފޭގައި މަސައްކަތް ކުރާ ނޭޕާލްގެ ފިރިހެނަކަށެވެ. އޭނާގެ ހަށިގަނޑުގެ 30 އިންސައްތަ ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

މި ހާދިސާގެ މަޢުލޫމާތު މީޑިއާ ހިއްސާކުރައްވަމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑެންޓް ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޗާންދަނީ މަގުގައި ހުންނަ ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާން ރޯވެގެން މިއަދު ހެނދުނު 07:52 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއުގެ ފަޔަރމަނުން ހަރަކާތްތެރިވާން ފެށިކަމަށެވެ. މި ހާދިސާގައި އެ ކެފޭގައި އަލިފާން ރޯވެފައިވަނީ ބަދިގެތެރެއަށް ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި ގޭސް އެކްސްޕްލޯޝަނެއްގައި ކަމަށް ޢަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، އެމްއެންޑީއެފް އެފްއާރުއެސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާދިސާ އިތުރަށް ތަހުޤީގު ކުރަމުންދާކަން ކާނަލް އަބްދުﷲ އިބްރާހިމް ފާހަގަކުރެއްވިއެވެ. ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ ގޭސްފަދަ ނުރައްކާތެރި އެއްޗެތި ގެންގުޅޭއިރު ބަލަންވީ ވަރަށް ނުބަލާ، ބިދޭސީ މުޢައްޒަފުންނަށް ދޭންޖެހޭ މައުލޫމާތު ދީފައި ނެތުުމުމުންކަމަށެވެ. ގޭސް ލީކްވެފައި ހުރުމުން އަމަލުކުރަންވީގޮތް މިފަދަ ފަރާތްތަކަށް ނޭނގޭކަން ފާހަގަކުރައްވާ ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ގިނަވުމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާފައެވެ.

"މިފަދަ ހާދިސާ ހިނގަން މެދުވެރިވަނީ ގޭސްފަދަ ނުރައްކާތެރި އެއްޗެހި ގެންގުޅޭއިރު ބަލަންވީ ވަރަށް ނުބަލާ، ބިދޭސީ މުޢައްޒަފުންނަށް ދޭންޖެހޭ މައުލޫމާތު ދީފައި ނެތުުމުން. ގޭސް ލީކްވެފައި ހުރުމުން އަމަލުކުރަންވީގޮތް މިފަދަ ފަރާތްތަކަށް ނޭނގޭ. މިކަންކަމަށް އިތުރަށް ސަމާލުވާން ޖެހޭ." ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

މިއަދު ހެނދުނު ޗާންދަނީ މަގުގައި ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި، މި ހާދިސާ ހިނގި ބަދިގެ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާއިރު، ބިގްމަން އެންޑް ކޯރ ކެފޭގެ ބޭރު ބިއްލޫރިގަނޑުވެސް ވަނީ ތަޅައިގެންގޮސްފައެވެ.