ޚަބަރު

އީސީގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސް އިސްކަންދެއްވާ ލިސްޓުގެ ކުރީގައި އަކްރަމާއި ފަޔާޒް


އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ނާއިބުރައީސް އަޙްމަދު އަކްރަމްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެމަޤާމަށް އައްޔަންކުރުމަށް އަކްރަމާއި، އެކޮމިޝަނުގެ ކުރީގެ މެންބަރު ފަޔާޒް ހިމެނޭހެން 4 ބޭފުޅެއްގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މުއްދަތުހަމަވާތީ އެކޮމިޝަނުގެ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވައި މަޖިލީހަށް ފޮނުވާފައިވަނީ، އެކޮމިޝަނުގެ މިހާރުގެ ނާއިބުރައީސް އަޙްމަދު އަކްރަމްއާ، އެކޮމިޝަނުގެ ކުރީގެ ނައިބުރައީސްކަން ކުރެއްވި އަހްމަދު ފަޔާޒްގެ އިތުރުން އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދުގެ އިތުރުން އަޙްމަދު މަންސޫރުގެ ނަމެވެ.

މިހަތަރު ބޭފުޅުންގެ ނަމާއެކު އެބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް މިއަދުގެ ޖަލްސާގައިވަނީ ފޮނުވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު އަކްރަމްގެ މެންބަރުކަމުގެ މުއްދަތު ހަމަވާނީ މި މާޗް މަހުގެ ތޭވީސްވަނަ ދުވަހަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސްގެ މެމްބަރުކަމުގެ މުއްދަތުވެސް މިއަހަރުގެ ތެރޭގައި ހަމަވާނެއެވެ.