ކުޅިވަރު

ރެއާލް މެޑްރިޑުގެ ޕްރެޝަރަށް ކެތެއްނުވި: ސެޓިއެން


ސްޕެނިޝް ލީގުގައި ރޭ ވާދަވަރި ރެއާލްމެޑްރިޑް އަތުން 2-0 އިން ބަލިވެ އެއްވަނަ މަގާމު ގެއްލިދިޔައީ ރެއާލް މެޑްރިޑްގެ ޕްރެޝަރަށް ކެތްނުވެގެން ކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ނަމަވެސް ދެވަނަ ހާފުގައި ރެއާލް މެޑްރިޑްގެ ޕްރެޝަރަށް އޭނާގެ ޓީމަށް ކެތްނުވީ ކަމަށެވެ.

"އަހަރުމެން ވަރަށް މަސައްކަތްކުރިން މެޗުގެ ކޮންޓްރޯލް ހޯދަން. ބޯލަ ޕާސްކޮށްގެން ޕްރެޝަރު ފިލުވާލަން ވަރަށް މަސައްކަތް ކުރެވުނު. އެކަމަކު ރެއާލް ކަހަލަ މޮޅު ކުޅުންތެރިން ތިބި ޓީމަކާ ދެކޮޅަށް އެކަން ކުރުމަކީ ފަސޭހަކަމެއްނޫން. އެތަން ފެނިގެންދިޔައީ މެޗުގައި،" ސެޓިއެން ބުންޏެވެ.

އޭނާ ބުނީ މެޗުގައި ކެޕްޓަން ލަޔޮނަލް މެސީ އަށް މާރަނގަޅަށް ނުކުޅެވުމަކީ ބަލިވުމުގެ ސަބަބެއްނޫން ކަމަށާއި އެހެން ކުޅުންތެރިން ވެސް ދަނޑުމަތީގައި ތިބި ކަމަށެވެ.

"އެކަމަކު އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާގެ ޕާފޯމަންސް ރަނގަޅުވެއްޖެނަމަ އެއީ ޓީމަށް ލިބޭ ކުރިއެރުމެއް. އެކަމަކު ބަލިވީ އޭނާ އަށް ގޯލު ނުޖެހިގެނެއްނޫން،" ސެޓިއެން ބުންޏެވެ.

ޑިފެންޑަރު ޖެރާޑް ޕީކޭ މެޗަށް ފަހު ބުނީ ރެއާލް މެޑްރިޑުން ފުރަތަމަ ހާފުގައި ދެއްކި ކުޅުމަކީ އެޓީމުގެ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ދެއްކި އެންމެ ގޯސް ކުޅުން ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި ރެއާލް މޮޅަށް ކުޅުނު ކަމަށެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން މެޗަށް ފަހު ތައުރީފް އޮއްސާނީ މެޗުގެ ފުރަތަމަ ގޯލު ޖަހައި މޮޅު ކުޅުމެއް ދެއްކި ފޯވަޑް ބްރެޒިލްގެ ވިނިސިއަސް ޖޫނިއާއަށެވެ. ޒިދާން ބުނީ އޭނާ އަކީ ކުރިމަގުގެ ތަރިއަކަށްވާނެ ކުޅުންތެރިއެއް ކަމަށެވެ. އަދި ކްލެސިކޯ ފަދަ އުނދަގޫ މެޗެއްގައި އޭނާ ހީވެސް ނުކުރާހާ މޮޅަށް ވިނިސިއަސް ކުޅެފައިވާ ކަމަށެވެ. މި މެޗުން ބަލިވުމުން ބާސެލޯނާ އަށް 55 ޕޮއިންޓާއެކު ލިބިފައިވަނީ ދެ ވަނަ އެވެ. ރެއާލް އެއްވަނާގައިވަނީ އެއް ޕޮއިންޓަށް އިތުރަށް ލިބިގެންނެވެ.