ޚަބަރު

މިނިވަން 50ގެ ޙަރަކާތްތަކަށް ގަލޮޅުދަނޑަށް ބޮޑެތި ބަދަލުތަކެއް


މިނިވަން 50 އާ ދިމާކޮށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދާ ޙަރަކާތްތަކަށް ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް މިނިވަން ފަންސާސް އޮފީހުން ވިދާޅުވެއްޖެއެވެ. މިނިވަން 50 ފާހަގަ ކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްދާނީ 27 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެވެ.ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދާ ހަރަކާތްތަކަކީވެސް ވަރަށް ފާހަގަކޮށްލެވޭ ހަރަކާތްތަކެކެވެ. މިގޮތުން މިފަހަރު މިނިވަން ފަންސާސް ފާހަގަކުރުމަށް ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނީ ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މިހަރަކާތްތަކުގެ ތެރެއިން ސަޤާފަތް ދައްކުވައިދޭ ވަރަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް މިނިވަން ފަންސާސް އޮފީހުން މަޢުލޫމާތުދެއްވައެވެ.ފީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސަލީމް ވިދާޅުވީ މިހަރަކާތްތަކަށް ގަލޮޅު ދަނޑު ތައްޔާރު ކުރުމަށްޓަކައި ދަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށެވެ. އެގޮތުން ޙަރަކާތްތައް ކުރިއަށްދާ ސަރަހައްދު ބޮޑުކުރުމަށްޓަކައި ދަނޑު ވަށައިގެން ޖަހާފައިހުރި ފެންސްތައް ނަގާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އޭގެ އިތުރުން ދަނޑުގައި ކުރިއަށްދާ ހަރަކާތްތަކަށް ވިނަގަނޑު މަތީގައި  މެޓް އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.އަދި އެހަރަކާތްތަކަށް ބޭނުންވާ ސާމާނު ދަނޑަށް ވެއްދުމަށް ދަނޑުގެ ހީނާމާގެ ޕާކިންގ ޒޯން ފަޅިއަށް ހުންނަ ދޮރާށި ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަލީމް ވިދާޅުވިއެވެ. ދަނޑުގައި ޕްރޮޖެކްޓަރ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ހަރަކާތަކަށް ބޭނުންވާ 50 ފޫޓުގެ ބޮޑު ޓީވީއެއް ޗައިނާއިން ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ދަޑުގައި ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނު މިހާރު ހަމަޖެހިފައިވާކަމަށް މިނިވަން 50 އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި 27 ވަނަ ދުވަހުގެ ކުރިން ހަރަކާތްތަކަށް ގަލޮޅު ދަނޑު ތައްޔާރުކޮށް ނިމޭނެކަމަށް ސަލީމް ވިދާޅުވިއެވެ.މިނިވަން 50 ފާހަގަކުރުމަށް ދަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި 2000 އަށްވުރެ ގިނަ މީހުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެހަރަކާތް ތަކުގެ ތެރޭގައި އެމް.އެން.ޑީއެފް، ޤައުމީ ކެޑޭޓް ކޯ، ޕޮލިސް އަދި ކަރެކްޝަނަލް ސަރވިސްގެ އިތުރުން ސްކޫލް ކުދިންގެ ޕެރޭޑެއްވެސް ހިމެނެއެެވެ. 27 ވަނަދުވަހުގެރޭ މައި އިވެންޓެއްގެ ގޮތުގައި ކުރިއަށްދާނީ އެންމެ ކުރިންސުރެ، މިއަދާ ހަމައަށް ދިވެހި ޞަޤާފަތް ބަދަލުވަމުން އައިގޮތް ދައްކުވައިދޭ އައިޓަމެވެ. މިއައިޓަމް ކުރިއަށްދާނީ ލައިވް ހުށައަޅާދިނުންތަކުގެ އިތުރުން ވީޑީއޯއިންވެސް ފެންނަ ގޮތަށް ކަމުން މިއީ ބެލުންތެރިން ޝައުޤުވެރިކުރުވާނޭ އައިޓަމަކަށްވާނެކަމަށް ސަލީމް ވިދާޅުވިއެވެ.މީގެ އިތުރުން ކައުންޓްޑައުން ޝޯއެއްވެސް ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދަނޑުގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށްދާނީ ޢާންމުންނަށް ހުޅުވާލައިގެންނެވެ.